މިހާތަނަށް އަދި ފަރުވާއެއް ހޯދިފައިނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަކީ އެ ބައްޔަށް އިންފެކްޓްވެފައިވާ މީހަކު ނޭވާލުމުގެ ތެރޭގައިވެސް އެހެން މީހަކު އިންފެކްޓްކުރުމުގެ ބާރު އޮންނަ ވައިރަހަކުން ޖައްސާ ބައްޔެކެވެ. ފަހުގެ ހުރިހާ ހޯދުންތަކަކުންވެސް މިކަމަށް ހެކިދެއެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތީ ފަރުދީ ޒިންމާ އަދާކުރުމެވެ. އެއީ ގިނަގިނައިން އަތް ދޮވެ، ސާފުވުމާ، އިޖުތިމާއީ ގައިދުރުކަން ތަންފީޒު ކުރުމާ، ގެތަކުގައި ތިބުމެވެ.

ކަންމިހެން އޮތްއިރު، މި ފިޔަވަޅުތަކަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. ރާއްޖެއަށް ބަލާލިއަސް މިކަން އޮތީ މިހެންނެވެ. އާއިލީ އެއްވުންތަކަށް ހުއްޓުމެއް ނާދެއެވެ. ސަރުކާރު ބަންދުކުރުމާއެކު މިކަންވީ އިތުރު ކަމުގައިވެސް ދެންނެވިދާނެއެވެ. މަގުތަކަށް ބަލާލިއަސް ހޭލަމޭލައަށް ދުއްވާ އުޅަނދުތަކުން ތޮއްނުޖެހޭ މަގެއް ނެތެވެ. ފަހަރުގައި، ކޮވިޑް-19 ޖައްސާ ވައިރަސް، ހަމަ ލޮލަށް ނުފެންނާތީ ބައެއް މީހުންނަށް ހަގީގަތް ފަހުމް ނުވަނީ ކަމަށްވެސް ވެދާނެއެވެ.

މިކަމަށް ހައްލު ހޯދުމުގެ ގޮތުން ފިންލަންޑްގެ ދިރާސާ ޓީމަކުން މިހާރު ވަނީ، ކޮވިޑް-19އަށް އިންފެކްޓްވެފައިވާ އެންމެ ތިއްކެއް، ސުޕަމާޓެއްގެ ތެރޭގައި ފެތުރިގެންދާ ގޮތް ދައްކުވާދޭ ސިމިއުލޭޝަން ވީޑިއޯއެއް އާންމުކޮށްފައެވެ.

މި ވީޑިއޯ ފެނިގެންދަނީ ވައިގެ ތެރެއަށް ބޭރުވެގެންދާ ކޮވިޑް-19ގެ އެންމެ ތިއްކެއް މިނެޓްތަކެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ މަންޒަރާ، ސުޕަމާޓުގެ ދެ ހަރުގަނޑެއްގެ ކައިރިއަށް ގޮސް ހެދި މީހުންނަށް އެ ވައިރަހުގެ އިންފެކްޝަން ޖެހިގެންދާ މަންޒަރެވެ.

https://www.youtube.com/watch?v=zs0hGe4ffC4

ފިންލަންޑްގެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކެއް ގުޅިގެން އެކުލަވާލާފައިވާ މި ވީޑިއޯގައި، އިންފެކްޓްވެފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވެގެންދާ ތިކި ވައިގެ ތެރޭގައި ދަތުރުކުރާ ގޮތް ދައްކުވާދެއެވެ. މި ފަދަ ތިއްކަކީ އިންފެކްޓްވެފައިވާ މީހަކު ކެއްސުން، ކިނބިހިއެޅުން ނުވަތަ ވާހަކަ ދެއްކުމުގެ ތެރެގައިވެސް ބޭރުވެގެން ހިނގައިދާނެ ތިއްކެކެވެ.

މި ތިކި ދެވަނަ މީހެއްގެ ހަށިގަނޑަށް އެތެރެވެ އެމީހަކުވެސް ވައިރަހަށް އިންފެކްޓްކޮށްލައެވެ.

ކޮވިޑް-19ގެ އިންކިއުބޭޝަން ޕީރިއަޑް އަދިވެސް މުޅިން ކަށަވަރެއް ނުވެއެވެ. ބައެއް ފަރާތްތަކުން އެއީ 14 ދުވަސް ކަމަށް ބުނާއިރު، 27 ދުވަސްފަހުންވެސް ބަލީގެ އަލާމާތްތައް ފެނިފައި އެބަހުއްޓެވެ. އެހެންކަމުން، މިވަގުތަށް އެންމެ ރައްކާތެރި ގޮތަކީ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް އަމަލުކުރުމެވެ.