ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ކޭހެއް ފެނިގެން ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފިއެވެ.
ޔަމަނުން މިފަދަ ރިޕޯޓެއް ކޮށްފައި މިވަނީ، އެގައުމުން ކޮވިޑް-19 ފެނުން ވެގެންދާނީ އިންތިހާއަށް ބޮޑު ކާރިސާއަކަށް ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ދީފައިވާ ދަނޑިވަޅެއްގައެވެ.
މިއަދުގެ ވަގުތެއްގައި ޔަމަނުން ފުރަތަމަ ފަހަރަށް ކޮވިޑް-19އަށް ޕޮޒިޓިވް ކޭހެއް ރިޕޯޓްކޮށްފައިވަނީ ހަދްރަމައުތު ސަރަހައްދުން ކަމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެން ޔަމަނުގެ ސަރުކާރުގެ ނޭޝަނަލް ހަޔާ ކޮމިޓީ ޓު ކައުންޓާއެކްޓް ދަ ކޮރޯނާވައިރަސް އެޕިޑަމިކް އިން ކުރި ޓްވީޓްއެއްގައި ވަނީ ފާހަގަކޮށްފައެވެ.
2014 ވަނަ އަހަރު ޔަމަނުގެ ސަރުކާރާ ވައްޓާލާ އެގައުމުގެ ވެރިކަން އަތުލުމަށް ހަނގުރާމަ ކުރަމުންދާ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބިއްޔާ އިސްވެ އޮވެ އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަނުން ދެމުންދިޔަ ހަމަލާތައް 2 ހަފުތާގެ މުއްދަތައް ހުއްޓާލިކަން އިއުލާންކުރީ ހުސްވި ހަފުތާގެ ތެރޭގައެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަމާ ދުނިޔެ ކުރިމަތިލާފާއިވާ ވަގުތު ހަމަލާ ބަދަލުކުރުންތައް ހުއްޓާލާ، ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް ފުރުސަތު ފަހިކުރުމަށް އދއިން ގޮވާލި ގޮވާލުމަށް އިޖާބަ ދިނުމުގެ ގޮތުން ނިންމި ނިމްމުމެއްކަން އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
6 އަހަރަށް ދިގުލާ ގޮސްފައިވާ ހަނގުރާމައެއް ކުރަމުންދާ ޔަމަނުގެ ސިއްހީ ނިޒާމު ވަނީ މުޅިންހެން ހަލާކުވެފައެވެ. ޑަބްލިއު.އެޗް.އޯއިން ބުނާ ގޮތުގައި ޔަމަނުގެ ސިއްހީ ނިޒާމުން އޮޕަރޭޓް ކުރެވެނީ ގާތްގަނޑަކަށް 50 ޕަސެންޓްއެވެ. ޑަބްލިއު.އެޗް.އޯއިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ އަލްތޯފު މުސާނީ ވިދާޅުވީ، ޔަމަނު ފަދަ ވެއްޓެއްގައި ކޮވިޑް-19 ފެތުރުން ވާނީ ބޮޑު ކާރިސާއަކަށް ކަމަށެވެ.
އަދުގެ ދުނިޔޭގެ މަސްރަހަށް ބަލާއިރު، ކޮލެރާ ރޯގާގެ އެންމެ ބޮޑު ބަލިމަޑުކަމެއް ފެތުރިފައިވަނީވެސް ޔަމަނުގައެވެ. މީގެ އިތުރުން މޫސުމީ ގޮތަކަށް މެލޭރިއާއާއި ޑެންގީ ހުންވެސް ޔަމަނުގައި ދަނީ ފެތުރެމުންނެވެ. ހަމަ މިއާއެކު ވިހެއުމުގައި މައްސަލަތަކާ ކުރިމަތިލާންޖެހޭ މިންވަރު އިތުރުވުމާ، ނަފްސާނީ ބަލީގެ މައްސަލަތައްވެސް ޔަމަނުގައި ގިނަކަން ޑަބްލިއު.އެޗް.އޯއިން ފާހަގަކުރެއެވެ.
ޔަމަނުގެ ސިއްހީ ހާލަތު ހުރި ގޮތަށް ބަލާއިރު މުޅި އެގައުމުގައިވެސް ހުރީ އައި.ސީ.ޔޫ ފެންވަރުގެ 700 އެނދެވެ. އެއީ ކުޑަކުދިންނަށް ހާއްސަ 60 އެނދުވެސް ހިމަނައިގެންނެވެ. ސޭވް ދަ ޗިލްރަންއިން މާޗްމަހު އާންމުކުރި ބަޔާނެއް ބުނާ ގޮތުގައި ޔަމަނުގައި ހުރީ އެންމެ 500 ވެންޓިލޭޓަރެވެ. އަދި 30.5 މިލިއަން މީހުންގެ އާބާދީއެއް އޮތް ޔަމަނުގެ 80 ޕަސެންޓް މީހުންނަކީ އެހީއަށް ބޭނުންޖެހިފައިވާ ބައެއްކަންވެސް ސޭވް ދަ ޗިލްރަންއިންވަނީ ފާހަގަކޮށްފައެވެ.