ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ އަމުރުތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލަށް އޮތް ޑިމާންޑް އިންތިހާއަށް ދަށްވަމުންދާ މި ދަނޑިވަޅުގައި، ތެލުގެ ސަޕްލައި މަޑުޖައްސާލުމަށް ސިނާއަތުގެ މޭސްތިރިންގެ މެދުގައި އެއްބަސްވުމަކަށް އާދެވިއްޖެއެވެ.

އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޯޕެކް)އާއި އެ އިއްތިހާދަށް އެއްބާރުލުންދޭ ގައުމުތަކާ ދެމެދު އާދެވިފައިވާ އެއްބަސްވުމަކަށް ބަލާއިރު، ތެލުގެ އުފެއްދުންތެރިކަމުގެ ނިސްބަތް، ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބަޔަށްވުރެ އިތުރަށް މަޑުޖައްސާލަން ވަނީ ނިންމާފައެވެ.

ބައިނަލްއަގުވާމީ ބާޒާރަށް ސަޕްލައިކުރަމުންދާ ތެލަށްވުރެ ޑިމާންޑް ދަށްވެ، ތެލުގެ އަގުތައް އިންތިހާއަށް ދަށްވެގެން ގޮސްފައިވާ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އާދެވުނު މި އެއްބަސްވުމާއެކު، އޯޕެކްގެ ގައުމުތަކުން މޭމަހާ ޖޫން މަހު އުފައްދާ ތެލުގެ ޝިޕްމަންޓްއިން 10 މިލިއަން ފީފާގެ ތެޔޮ އުނިކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ. ތެލުގެ އުފެއްދުންތެރިކަން ކުޑަކުރަން ނިންމި ނިންމުމަށް މަޑުމަޑުން ދޫ ދޭނެ ކަމަށާ، 2022 ވަނަ އަހަރުގެ އޭޕްރިލް ގެ ނިޔަލަށް މިކަން ކުރިއަށްދާނެ ކަމަށް ޚަބަރު ލިބެއެވެ.

އޯޕެކް ޕްލަސް ނުވަތަ އޯޕެކްގެ މެމްބަރު ގައުމުތަކާ އެ އިއްތިހާދަށް އެއްބާރުލުންދޭ ރަޝިއާ ފަދަ ގައުމުތަކުން ތެލުގެ ބާޒާރުގެ މަސްރަހާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވަނީ ވީޑިއޯ ކޮންފަރެންސް ޓެކްނޮލޮޖީ މެދުވެރިކޮށެވެ. މިމަޝްވަރާތަކުގައި ތަކުލީފުތަކަކާ ކުރިމަތިލާންޖެހުނީ ރަޝިއާއާއި ސައުދީ އަރަބިއްޔާގެ މެދުގައި އުފެދުނު ދެބަސްވުންތަކެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ތެލުގެ އުފެއްދުންތެރިކަން މަޑުޖައްސާލަން ނިންމި ނިންމުމަށް ދޫދޭން ހަމަޖެހިފައިވާއިރު ޖުލައި މަހާ ޑިސެމްބަރު މަހު ދުވާލަކު 8 މިލިއަން ފީފާގެ ރޭޓަށް ދަށްކުރާނެ ކަމަށާ، އަދި 2021ވަނަ އަހަރުގެ ޖަނަވަރީ މަހާ 2022 ވަނަ އަހަރުގެ އޭޕްރިލް މަހާ ދެމެދު ދުވާލަކު 6 މިލިއަން ފީފާގެ ރޭޓަށް އަދަދު ބަދަލުވާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ބޮޑެތި ބާޒާރުތަކާ އިގުތިސޯދުތައް ހުއްޓުމަކަށް އައިސް ތެލަށް އޮތް ޑިމާންޑް އިންތިހާއަށް ދަށްވުމުގެ ސަބަބުން، ފާއިތުވީ 18 އަހަރު ދެކެފައި ނުވާ މިންވަރަކަށް ތެލުގެ އަގުތަށް ވަނީ ހެޔޮވެފައެވެ. ނަމަވެސް ހުސްވި ހަފުތާއިން ފެށިގެން ތެލުގެ އަގުތަށް ކޮންމެވެސް ވަރަކަށް އުފުލެން ފަށާފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

ބައިނަލްއަގުވާމީ ބާޒާރުގެ އަގުތަކަށް ބަލާއިރު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އެވަރޭޖު އަގަކީ ގާތްގަނޑަކަށް 23 ޑޮލަރެވެ.