ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ތައުލީމުދޭ ތަންތަން އަންނަ ހަފްތާގައިވެސް ބަންދުކުރުމަށް ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ސްކޫލުތަކާއި، ތައުލީމުދޭ މަރުކަޒުތަކާއި، ޔުނިވާސިޓީތަކާއި، ކޮލެޖުތަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި، ޓިއުޝަން ސެންޓަރުތަކާއި، ކްލާސްތައް އަދި ގުރުއާން ކްލާސްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ. އެޗްޕީއޭން ބުނީ، މި ނިންމުން ނިންމާފައި ވަނީ އޭޕްރީލް 12 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށް ކަމަށެވެ.

މީގެ ކުރިން ތައުލީމް ދޭ ތަނަތަން ބަންދުކުރުމަށް އެންގި އެނގުމުގެ މުއްދަތު ހަމަވަނީ އަންނަ އާދިއްތަ ދުވަހަށް ކަމަށް ވާތީ މި އެންގުން ވަނީ އާކޮށް އެ ހަފްތާ އިތުރުކޮށްފައެވެ. ސަރުކާރުން ވަނީ މި ހަފްތާވެސް ބަންދުކޮށްފައެވެ. މިއީ ސަރުކާރުން މި ފިޔަވަޅު އެޅި ފަސްވަނަ ހަފްތާއެވެ. މިދިޔަ މާޗް މަހު 5 ވަނަ ދުވަހުން މިޑް ޓާމް ބްރޭކަށް ސްކޫލްތައް ބަންދުވިގޮތަށް އަދި ނުހުޅުވައެވެ.

ސްކޫލުތައް ބަންދުކޮށްފައިވީ ނަމަވެސް، ޓީވީ، އަދި އިންޓަނެޓްގެ ޒަރިއްޔާއިން ސްކޫލް ދަރިވަރުންގެ ކިޔެވުން އަދިވެސް ކުރިއަށް އެބް ގެންދެއެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް މި ބައްޔަށް 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު 13 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ 15 ބިދޭސީންނާއި 4 ދިވެހިންނެވެ. އޭގެ ތެރެއިން 13 ބިދޭސީއަކު ރަނގަޅުވެފައިވާއިރު، 2 މީހަކު ވަނީ ރާއްޖެއިން ބޭރުގައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން ދަނީ ޔޫކޭއިން ރާއްޖެ އައުމަށްފަހު ޕޮޒިޓިވްވި 4 ދިވެހިންނަށް އެކަންޏެވެ.