ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދަށް އިއުލާނު ކުރި ކާފިއު އުވާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓައި އެޅި ފިޔަވަޅެއްގެ ގޮތުން، އިއުލާންކޮށްފައިވާ ކާފިއު މިއަދު ހަވީރު 5:00 އިން ފެށިގެން އުވާލާފައިވާ ކަމަށެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހަވީރު 5:00 އިން ފެށިގެން ރޭނގަޑު 8:00 އަށް ކާފިއު ހިންގާފައި ވަނީ 1 ހަފްތާގެ މުއްދަތަށެވެ. އެގޮތުން ކާފިއު އިއުލާން ކޮށްފައިވާ ވަގުތުގައި މަގުމައްޗަށް ނިކުމެ އުޅުމާއި، އުޅަނދުފަހަރު ދުއްވުން އަދި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުން ވެސް ވަނީ ހުއްޓުވާލާފައެވެ.

އެޗްޕީއޭން ވަނީ، ކާފިއު ބާތިލު ކޮށްފައިވީ ނަމަވެސް އެއްވެސް ވަގުތެއްގައި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް އަންގާފައެވެ.

އެޗްޕީއޭން ބުނީ، މީހުން އެއްތަނަކަށް ޖަމާވުން ހުއްޓުވުމަށާއި، ގައިދުރުކަން އިތުރުކުރުމަށްޓަކައި ލޯކަލް މާރުކޭޓުތަކާއި، ސުޕަ މާކެޓްތަކާއި، ފިހާރަތަކާއި، އޮފީސްތަކައި، ބޭންކުތަކާއި، އަދި އެހެނިހެން ގޮތްގޮތުން އާންމު ހިދުމަތްދޭ ތަންތަނުގައި ގައިދުރުކަމުގެ ރަނގަޅު މިންގަނޑުތައް ހިފަހައްޓޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކުންވެސް ގައިދުރުކަމުގެ ގޮތްތަކާއި އާދަތަކަށް އިސްކަންދިނުމަށާއި އެގޮތަށް އަމަލުތައް ބެހެއްޓުމަށް އެޗްޕީއޭން ވަނީ އަންގާފައެވެ.