އަންނަ ހަފުތާގެ ތިން ދުވަހު ބޭންކްތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާނެ ކަމަށް ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ ސަރުކާރު ބަންދުވި ނަމަވެސް، އަންނަ ހަފުތާގެ ހޯމަ ދުވަހާއި، އަންގާރަ އަދި ބުރާސްފަތި ދުވަހު ބޭންކްތައް ހުޅުވާނެ ކަމަށެވެ. އަންނަ ހަފުތާގައި ބޭންކިން ހިދުމަތްތަކާއި ފައިސާ ބަލައިގަނެ، އަދި ދޫކުރުމުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން ފެށިގެން 12:30 އަށް ކަމަށާއި، އަދި އެމްއެމްއޭ އިން ވަކި ލާރި ދޫކުރުމުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން ފެށިގެން 11:00 އަށެވެ.

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ވަނީ އަންނަ ހަފުތާވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ ކިޔެވުން ބަންދުކުރުމަށް ނިންމާފައެވެ. ރައީސް އޮފީހުން ބުނީ އެގޮތައް ނިންމާފައިވަނީ ކޮވިޑް19 ރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީ އާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން އާއްމުން އެއްވެ އުޅުމުން ދުރުހެލި ކުރުމަށްޓަކައި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮންނަތާ ތިން ހަފުތާ ވެއްޖެ އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާމެދު މިއަދު އިތުރު ގޮތެއް ނިންމަވާނެ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒްވަނީ ވިދާޅުވެފައެވެ.