ދެމަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އިއުލާންކޮށްފައި އޮތް ހަރުކަށި ލޮކްޑައުންގެ އަމުރު އުވާލުމާއެކު ޗައިނާގެ ވޫހާން ސިޓީގެ ކަންކަން އާންމު ދިރިއުޅުމުގެ އާދަތަކަށް މިހާރު ވަނީ ރުޖޫއަވާން ފަށާފައެވެ.
ފަހުގެ ތާރީޚުގައި ދުނިޔެދުށް އެންމެ ވަރުގަދަ ސިއްހީ ބަލިމަޑުކަމުގެ އެންމެ ނުރައްކާ މަންޒިލްގެ ގޮތުގައި އޮތް ވޫހާން ސިޓީ ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު އެ ކުރިމަތިލާންޖެހުނު ދަތިތަކާ ނަމާންކަމުގެ ތެރެއިން އަދުގެ ދުނިޔެއަށް ލޯހުޅުވުނި ގިނަ ބަޔަކު މިހާރު ދަނީ ދިރިއުޅުމުގެ އާ އަމާޒަކަށް ވާސިލުވުމަށް އެމީހަކަށް ވީ ވަރަކުން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއްކަމަކީ، ވޫހާން ސިޓީގައި ކައިވެނި ކުރާ މިންވަރު އިންތިހާއަށް އިތުރުވާން ފަށާފައިވާކަމެވެ.
ލޮކްޑައުންގެ ހާލަތުގައި ލޯބިވެރިން ދެތަންވެ، ބައްދަލުވެވޭ ގޮތް ނުވެފައި ތިބުމަކީ ލޯބި ހީނަރުކުރުވި ކަމަކަށް ނުވިއެވެ. ހަމަ މިފަދައިން ލޮކްޑައުންއެއްގައި އުޅެންޖެހުމަކީ ބައިވެރިޔާގެ ފަރާތުން އަނިޔާ ލިބުމަށް ހުޅުވުނު ފުރުސަތަކަށްވެސް ވޫހާން ސިޓީގައި ނުވިއެވެ. ލޮކްޑައުންގެ އަމުރު އުވާލުމާއެކު، ލޯބިވެރިންގެ ޖޯޑުތައް މިސްރާބު ޖެހީ އެމީހުންގެ ގުޅުމުގައި ރަސްމީ ސިއްކަ ޖެހުމަށެވެ.
ބައެއް ޖޯޑުތައް ސިފަކުރާ ގޮތުގައި އެމީހުންގެ އާ ހަޔާތުގެ ފެށުމަކީ ވޫހާން ސިޓީގެވެސް އާ ފެށުމަކެވެ.
ވުހާން ސިޓީގައި ރަސްމީކޮށް ކައިވެނި ކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ފެށީ ހުސްވި ހަފުތާގެ ހުކުރު ދުވަހުއެވެ. ނަމަވެސް ކައިވެނިތަކާ ދިމާލަށް މިސްރާބުޖަހާ މީހުންގެ އަދަދު އިތުރުވާން ފަށާފައި މިވަނީ އޭޕްރިލް މަހުގެ 8 ވަނަ ދުވަހު ލޮކްޑައުންގެ އަމުރު މުޅިން އުވާލާ، ބޯޑަރުތައް ހުޅުވާލި ހިސާބުންނެވެ.
އަލީބާބާގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އަލީޕޭއަކީ ވޫހާންގެ ސަރުކާރަށް ގިން އެޕްލިކޭޝަންތަކެއް އޮޕަރޭޓްކޮށްދޭ ކުންފުންޏެކެވެ. އަލީޕޭގެ ރެކޯޑްތަކަށް ބަލާއިރު ކައިވެނީގެ ރެޖިސްޓްރޭޝަން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ މީހުންގެ ނިސްބަތްވަނީ 300 ޕަސެންޓް އިތުރުވެފައެވެ. އަދި މި ޚިދުމަތް ލިބުމުގައި ދަތިތަކެއް ދިމާވެގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައިވެސް ޝަކުވާ އުފުލާފައެވެ.
ކަންމިހެން އޮތް ނަމަވެސް ލޮކްޑައުންގެ ސަބަބުން ކުރިމަތިވި ފިއްތުންތަކާއެކު ވަރީގެ ނިސްބަތް މައްޗަށް ދިއަވާހަކައަކީވެސް އޮއްބާލެވޭނެ ވާހަކައެއް ނޫނެވެ. ޗައިނާގެ ވައިކައިވެނީގެ ރެކޯޑްތަކަށް، ކޮވިޑް-19ގެ ސަބަބުން އައި ބަދަލުތައް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.