މި ހަފުތާއެކޭ އެއްގޮތަށް އަންނަ ހަފުތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް އެގޮތައް ނިންމެވީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީއާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއާޔަތް ކުރެއްވުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށެވެ.

އަންނަ ހަފްތާގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާގޮތަށް ނިންމެވިކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެއްވަމުން ގެންދަވާގޮތަށްވެސް ރައީސް ސޯލިހް ނިންމަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަމުގައިވެސް ރައީސް ފާހަގަކުރައްވައެވެ.