ޖިނާއީ މައްސަލަތައް ވީޑިއޯ ކޮންފަރެންސިންގެ ޒަރިއްޔާއިން ބެލުމަށް ސުޕްރީމްކޯޓުން ނިންމައިފިއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން، ސުޕްރީމްކޯޓުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާގުޅޭ ހާއްސަ ގަވާއިދެއް އެކުލަވާލާފައެވެ. މިއަދުން ފެށިގެން މި ގަވާއިދަށް އަމަލު ކުރުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުން ބުނީ، ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 211 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލައިފައިވާ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 6 ވަނަ ބާބަށް އަމަލުކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި، ޖިނާއީ މައްސަލަތަކުގެ ޝަރީއަތުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާގުޅޭ ހާއްސަ ގަވާއިދުގެ ނަމުގައި ގަވާއިދެއް ހަދައި، މި ގަވާއިދަށް އަމަލުކުރަމުން ގެންދާގޮތަށް ކަނޑައަޅައިފައިވާ ކަމަށެވެ.
އެ ގަވާއިދުގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދާއިރު، ޝަރީއަތް ހިންގާ ކޯޓުގެ ޝަރީއަތުގެ މާލަމާ ގުޅިފައިވާ އެހެން މާލަންތަކުގައި ތިބޭމީހުންނަށް ޝަރީއަތުގެ މަޖިލީހުގެ މަންޒަރު ފެނި، އެތަނުގައި ދެކެވޭ ވާހަކަތައް އަޑު އިވޭނަމަ ޝަރީއަތް ހިންގާ މާލަމާ ގުޅިފައިވާ މާލަންތަކުގައި ތިބި އެންމެން އެތިބީ އެއްހާޒިރުގައި ކަމަށް ބެލެވޭނެއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލާފައިވާ ކޯޓަކަށް ނުވަތަ ކޯޓުން ކަނޑައަޅާ ތަނަކަށް ހާޒިރުކޮށް، ބާއްވާ ޝަރީއަތުގެ އަޑުއެހުމެއްގައި، ހާޒިރުކުރެވިފައިވާ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ހާޒިރުކުރެވޭ މީހުންނާއި، އެމީހުންނާ ގުޅުންހުރި މައުލޫމާތު ކަނަޑައެޅިފައިވާ އިސްމީހެއް މެދުވެރިކޮށް ކަށަވަރުކުރުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގަން ކޯޓުން ނިންމާ ހާލަތުގައި ދައުވާލިބޭ ފަރާތް ހުރި ރަށުގެ ކޯޓަށް އެކަންއަންގައި، އަޑުއެހުން ބާއްވާނެ ތާރީހާއި ވަގުތު ކަނޑައަޅައި، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ދައުވާލިބޭ ފަރާތް އެކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވަންޖެހޭނީ ސުޕްރީމްކޯޓުންނެވެ.
މި ގަވާއިދުގެ ދަށުން ހިންގާ ޝަރީއަތުގެ އަޑުއެހުންތަކުގައި އަޑުއެހުން ރިކޯޑް ކުރާނީ ޝަރީއަތް ހިންގާ ކޯޓުންނެވެ. އަދި އަޑުއެހުމުގައި ނަގާ ބަޔާންތައް ޓައިޕްކުރާނީ ވެސް ޝަރީއަތް ހިންގާ ކޯޓުންނެވެ. އޮންލައިންކޮށް ޝަރީއަތް ގެންދިޔަ ނަމަވެސް ބަޔާންތަކުގައި ހެކިން ލައްވައި ސޮއިކުރުމަށް މިގަވާއިދުގައި ކަނޑައަޅާފައިވެއެވެ.