ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް އިންޓަނެޓުގެ އަގު ހެޔޮކޮށްފައި ނުވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިދަނޑިވަޅުގައި އިންޓަނެޓުގެ އަގުހެޔޮކޮށް ރައްޔިތުންނަށް ލުޔެއް އަދިވެސް ދީފައިނުވާތީ އެ މައްސަލަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލައަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު މިދިޔަ މަހު އެމަނިކުފާނަށް ފޮނުއްވާފައިވާ ސިޓީގައިވާ މައްސަލަ އެކެވެ.

މެންބަރު މީކާއީލް ރައީސް ނަޝީދަށް ފޮނުވި އެ ސިޓީގައި އެދިވަޑައިގެންފަައި ވަނީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ އިސް ވެރިން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ. އެގޮތަށް އޭނާ އެދިވަޑައިގަތީ، އެ އޮތޯރިޓީ އަކީ ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ރެގިއުލޭޓްކޮށް، އެ ހިދުމަތްތަކުގެ އަގު ކަނޑައެޅުމުގެ ބާރު، ގާނޫނުން ލިބިދީފައިވާ އޮތޯރިޓީއަށްވާ އިރު، އެ ހިދުމަތްތަކުން ލުޔެއް ހޯދައިދޭން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވަމުންނެވެ.

ކޮވިޑް19 ރާއްޖެއިން ފެނުމާއި ގުޅިގެން އާންމު ރައްޔިތުން ގޭގައި މަޑުން ތިބުމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. އަދި ގޭގައި ތިބެގެން ބައެއް އޮފީސްތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތައް ހަދާފައިވީ ނަމަވެސް، ރާއްޖޭގައި ދެމުންދާ އިންޓަނެޓުގެ ސްޕީޑު ދައްވުމުވުން މަސައްކަތްތަކަށް ބުރޫ އަރާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މީކާއިލްގެ އެ މައްސަލަ ކޮމެޓީއަށް ފޮނުވިއިރު މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން އަންނަނީ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތް ކުރުމަށްވެސް އިންޓަނެޓުގެ ގިނަ ލުއިތަކެއް ދީފައެވެ. އަދި ކިޔަވާ ކުދިންނާއި ޓީޗަރުންނަށް ވެސް އިންޓަނެޓުގެ ލުއިތަކެއް ދީފައިވެއެވެ. މީގެއިތުރުން ސަރުކާރުން ވަނީ މުއާސަލާތު ހިދުމަތްދޭ ކުންފުނިތަކުން މި ދަނޑިވަޅުގައި އަގު ހެޔޮ އިންޓަނެޓުގެ ޕެކޭޖުތަކެއް ތައާރަފު ކޮށްދިނުމަށް އެދިފައެވެ.