ޒަކާތު މަސައްކަތްކުރުމަށް ކޮންޓްރެކްޓް މުވައްޒަފުން ހޯދުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، ޒަކާތު މަސައްކަތް ކުރުމަށް ދިހަ ކޮންޓްރެކްޓް މުވައްޒަފުން ބޭނުންވާ ކަމަށާއި، އެ މުވައްޒަފުން ނަގަނީ ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެ މީހުންނަށް ދެވޭ އިނާޔަތްތަކުގެ ތެރެއިން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ދޭނެކަމަށާއި، އެގޮތުން މަސައްކަތަށް ނިކުންނަ ދުވަހުގެ އެލަވަންސް ލިބޭނީ މަދުވެގެން 03 ގަޑިއިރު މަސައްކަތުގައި ހޭދަކުރުމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އިތުރުގަޑިއާއި ބަންދު ދުވަހު މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާގެ އިތުރަށް، ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ އިނާޔަތު ފައިސާވެސް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެގޮތުން ސަޕޯޓް އޮފިސާ ގްރޭޑް 2 ގެ މަގާމުގެ އަސާސީ މުސާރައަކީ -/5500 ރުފިޔާއެވެ. އަދި އޮފިސާ ގްރޭޑް 1 ގެ މަގާމުގެ އަސާސީ މުސާރައަކީ -/5000 ރުފިޔާއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އޮފިސާ ގްރޭޑް 1 ގެ މަގާމަށް މުވައްޒަފުން ނެގޭނީ އޮފިސާ ގްރޭޑް 2 ގެ މަގާމަށް 10 މުވައްޒަފުން ނުލިބިއްޖެ ހާލަތެއްގައި ކަމަށެވެ.
ވަޒީފައަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި، ވަޒީފާއަށް އެދޭ ފޯމު، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ގަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ ހިމެނެއެވެ.
މި މަގާމަށް އެދި ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރަންޖެހޭނީ މި މަހުގެ 14 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އީމެއިލް[email protected] އަށެވެ.