ކޮވިޑް-19އަށް ޕޮޒިޓިވްވެ ހާލުކޮޅު ރަނގަޅު ނުވެ ލަސްވަމުންދާތީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ހާލުކޮޅު މިހާރު 'ސްޓޭބަލް' ކަމަށް އޭނާގެ ތަރުޖަމާނު ހާމަކުރައްވައިފިއެވެ.

ބޮރިސް ޖޯންސަންއަށް މިހާރު ފަރުވާ ދެމުންދަނީ ލަންޑަންގެ ސެއިންޓް ޓޮމަސް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓްގައެވެ. ބޮރިސް ޖޯންސަން ވަނީ މި ޔުނިޓްގައި 2 ރޭ ހޭދަކުރައްވާފައެވެ.

ބޮރިސް ޖޯންސަން ހޮސްޕިޓަލަށް ވަޑައިގަންނަވަމުން އިސް ޒިންމާތައް އެމީހަކާ ހަވާލުކުރައްވާފައިވާ ފޮރިން ސެކްރެޓަރީ ޑޮމިނީކް ރާބް ވިދާޅުވީ، މި ބަލިމަޑުކަމުން ބޮޑުވަޒީރަށް އަރައިގެންނެވޭނެ ކަމުގެ ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން މައުލުމާތު ދިނުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ކުރިއަށް ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ރާބް ވިދާޅުވީ، ބޮރިސް ޖޯންސަންއަށް ހޮސްޕިޓަލުގައި ދެމުން ދަނީ އޮކްސިޖަން ޓްރީމަންޓް ކަމަށާ، ބޮރިސް ޖޯންސަން ނޭވާލައްވަމުން ގެންދަވަނީ އިތުރު އެހީއަކާ ނުލާ ކަމަށެވެ. އެގޮތުން މެކޭނިކަލް ވެންޓިލޭޝަންއާއި، ނޮން އިންވޭސިވް ރެސްޕިރޭޓަރީ ސަޕޯޓް ދޭން ނުޖެހޭކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އުމުރުފުޅުން 50 އިން މައްޗަށް ގޮސްފައިވާ ބޮރިސް ޖޯންސަންގެ ހަޔާތުގެ ބައިވެރިޔާ ކެރީ ސައިމަންޑްސް މިވަގުތީ އިންނެވީ ބަލިވެކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބޮރިސް ޖޯންސަން ކޮވިޑް-19އަށް ޕޮޒިޓިވްވީ ހުސްވި މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން، ހުން ވިހެނުލައި ގަދަވަމުންދާތީ ހޮސްޕިޓަލުގައި އެޑްމިންޓް ކުރެވުނީ އޭޕްރިލް 5 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުވަނީ ހާއްސަ މެސެޖެއްވެސް ފޮނުއްވާފައެވެ.