ކޮވިޑް19 ގެ ސަބަބުން ހީނަރުވެފައިވާ ވިޔަފާރިތައް އަރައިގަތުމަށްޓަކައި ސަރުކާރުން ތައާރަފް ކޮށްފައިވާ އިކޮނޮމިކް ރިކަވަރީ ޕެކޭޖަށް މާދަމާއިން ފެށިގެން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން ބުނީ އެ ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހަޅާނީ ބޭންކުން ކަނޑައަޅާފައިވާ އީމެއިލް [email protected] މެދުވެރިކޮށް ކަމަށެވެ. އެޕްލިކޭޝަން ލިބުމުން ބޭންކުން ކްރެޓިޑް އިވެލުއޭޝަން ހެދުމަށްފަހު ލޯނު ލިބޭ ފަރާތްތަކަށް ގުޅާ އެކަން އަންގާނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ. އަދި ލޯނު ލިބޭ ފަރާތްތަކުން ލޯނު އެގްރީމަންޓް ފުރިހަމަ ކުރުމަށްޓަކައި އެންމެ ކައިރި ބްރާންޗަކަށް ދާންޖެހޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ފޯމާއި އެކުގައި ސޯލް ޕްރޮޕްރިއެޓަރާއި އައިޑީ ކާޑު ކޮޕީއާ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާ ކުންފުނި ނުވަތަ ޕާރޓްނަރޝިޕް ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަންޖެހެއެވެ. އަދި އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ޕްރޮފައިލް ޝީޓާއި ބޯޑް ރިޒޮލިއުޝަނާއި ބޭންކުން ދީފައިވާ ފޯމެޓަށް، ލޯނު ނަގާ އަދަދާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ މުއްދަތާއި ލޯނާ ގުޅޭ ލިޔުންތަކުގައި ކުންފުނީގެ ފަރާތުން ސޮއި ކުރާނެ މީހަކު ކަނޑައެޅިފައިވާންވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ލޯނުތައް ދެވޭނީ ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު ހަ ޕަސެންޓު އިންޓްރެސްޓު ރޭޓުގައި ކަމަށެވެ. ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް19 ގެ ސަބަބުން ވިޔަފާރިތަކަށް ލިބިގެން ދިޔަ ހީނަރުކަން ކުޑަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަނޑައެޅި ރިލީފް ޕެކޭޖުގެ ތެރެއިން ރިސޯޓުތަކަށް 7.71 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބިގެންދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ވާކިން ކެޕިޓަލް ލޯނުތައް ރިސޯޓުތަކަށް ދޫކުރާނީ ބީއެމްއެލް މެދުވެރިކޮށް ކަމަށެވެ. އަދި އެ ސްކީމުގެ ދަށުން ރިސޯޓުތަކަށް 7.71 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ ކަމަށް ފިނޭންސް އިން ބުންޏެވެ.

ރިސޯޓުތަކަށް ލޯނު ދޫކުރުމާއި ބަލާ ކަންކަމުގެ ތެރޭގައި އެ ރިސޯޓުގެ އޯނާޝިޕް އަކީ ދިވެހި އޯނާޝިޕެއްތޯއާ މުވައްޒަފުންގެ 45 އިންސައްތަ އަކީ ދިވެހި މުވައްޒަފުންތޯ ހިމެނެއެވެ. އަދި އެކަންކަން ސަރުކާރުން ބެލުމަށްފަހު ބީއެމްއެލްއާ އެކަން ސަރުކާރުން ހިއްސާ ކުރާނެ ކަމަށް ފިނޭންސްގެ ބަޔާނުގައިވެއެވެ. މީގެއިތުރުން ރިސޯޓަށް މިދިޔަ އަހަރު ފައިދާވެފައި ވުމާއި ކުރިޔަށް އޮތް ތިން އަހަރު ކޭޝް ފްލޯ ފޯކާސްޓު ޕޮޒިޓިވްވްކޮށް ހުރުމަކީ ވެސް ލޯނު ދިނުމުގައި ސަރުކާރުން ބަލާ މިންގަނޑުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

އެ ބަޔާނުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ރިސޯޓުތަކުގެ މުވައްޒަފުން ވަކިކޮށް ނުވަތަ ނޯޕޭ ނަގަން މަޖޫބުރު ކޮށްފައިވާ އެއްވެސް ފަރާތަކަށް ލޯނު ލިބިގެން ނުދާނެ ކަމަށެވެ. އަދި އެކަން ސަރުކާރުން ބަލަމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ޓޫރިސްޓު ރިސޯޓުތައް ނޫން އެހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ކަމަށެވެ. އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ކަމަށްވެސް ފިނޭންސް އިން ބުންޏެވެ. ނަމަވެސް އެ ލޯނުތަކުގެ މައުލޫމާތެއް ފިނޭންސް މިނިސްޓްރީ އަކުން ހާމައެއް ނުކުރެއެވެ.