ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އަމުރާ ހިލާފުވި، ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް ރިސޯޓުގެ ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ ފަސް މީހުން ހައްޔަރުކޮށްފައި ވަނީ، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތުގެ އެންގެވުމާ ހިލާފަށް ޔޫ އެންޑް މީ ރިސޯޓުން މިމަހުގެ 4 ވަނަ ދުވަހު ރ. އަލިފުއްޓަށް ގޮސްފައިވާ މައްސަލައިގައި ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭގެ 11:50 ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކާއި ރިސޯޓްތަކުން އުސޫލްތަކުގެ ބޭރުން މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން ވަނީ މަނާކޮށްފައެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތް މިނިސްޓަރަށް ލިބިވަޑައިގަންވާ ބާރުގެ ދަށުން، އެ ހާލަތު މުޅި ރާއްޖެއަށް އިއުލާން ކޮށްފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.

އެޗްޕީއޭގެ އެންގުންތަކާ ހިލާފުވާ ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅަމުން ދާއިރު، ރިސޯޓު ތަކަށާއި ރަށްތަކަށް އަރާފައިވާ ފަރާތްރަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އަދި މާލޭގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތުގައި ބޭރުގައި އުޅުނު ދެމީހަކުވެސް މިހާރު ވަނީ ޖޫރިމަނާ ކޮށްފައެވެ.