މޯލްޑިވިއަނުން މެލޭޝިއާއިން ރާއްޖެ އަންނަ މީހުންގެ ޓިކެޓްގެ އަގަކީ 330 ޑޮލަރު ކަމަށް މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމް ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ މޯލްޑިވިއަންގައި، މެލޭޝިއާއިން ރާއްޖެ އައުމަށް ނަގާ ޓިކެޓެއްގެ އަގަކީ 330 ޑޮލަރު ކަމަށާއި އެ ޓިކެޓް ނެގޭނީ އޮންލައިންކޮށް އެކަނި ކަމަށެވެ. އަދި ޓިކެޓް ނެގުމަށް ފޯނަށް ނުގުޅާނެ ކަމަށާއި މެސެޖެއްވެސް ނާންނާނެ ކަން މޫސަ ވަނީ ފާހަގަ ކުރައްވާފައެވެ.
މޯލްޑިވިއަނުން ބުނެފައި ވަނީ މެލޭޝިއާއިން ދިވެހިން ގޮވައިގެން މޯލްޑިވިއަން އިން ފުރާނީ އަންނަ ބުދަ ދުވަހުކަމަށެވެ. އަދި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކުން މިއަދު ހަވީރު 5 ކުން ފެށިގެން އޮންލައިންކޮށް ޓިކެޓް ނެގޭނެ ކަމަށާއި މިވަގުތު މެލޭޝިއާއިން ފުރަން ޝެޑިއުލް ކޮށްފައިވަނީ މި މަހުގެ 8 ވަަނަ ދުވަހު ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މެލޭޝިއާ އާއި ދިވެހިރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ބާއްވަން ރާވާފައިވާ ފްލައިޓުން މާލެ ދަތުރު ކުރަން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރަން ހުޅުވާލެވުނު ފުރުސަތުގައި މިހާތަނަށް 800 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓްރީ ކޮށްފައިވާ ވާކަމަށް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.
ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން މެލޭޝިއާގެ ސަރުކާރުންވަނީ އެ ގައުމު 14 އޭޕްރީލްއާއި ހަމައަށް ލޮކްޑައުން ކޮށްފައެވެ. އޭއާއެކު މެލޭޝިއާއިން ބޭރު ގައުމުތަކަށް ދަތުރުކުރުމާއި، އެހެން ގައުމުތަކުން މެލޭޝިއާއަށް ދަތުރު ކުރުން ވަނީ ހުއްޓުވާފައެވެ. މެލޭޝިއާގައި ވެސް ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމް ހާސިލް ކުރުމަށް ދިރިއުޅޭއިރު، ކޮވިޑް19 އާއި ގުޅިގެން ގިނަ އަދަދެއްގެ ދިވެހިން ބޭނުންވަނީ އަނބުރާ ރާއްޖެ ދިއުމަށެވެ.
މޯލްޑިވިއަން އިން ރޭ ވަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވި 100 އަށްވުރެ ގިނަ މީހުން އަނބުރާ ރާއްޖެ ގެނެސްދީފައެވެ. މީގެއިތުރުން މިއަދުގެ ވަގުތެއްގައި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ މީހުން ބަލާ މިއަދު ކޮޗިން އަށް މޯލްޑިވިއަންގެ ބޯޓެއް ދަތުރު ކުރާނެއެވެ.