މިއަހަރުގެ ވޭތުވެދިޔަ ތިން މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާގެ ޖުމްލަ 102 މައްސަލައަކާއި ކުޑަކުދިންނަށް ކުރާ އެކިކަހަލަ އަނިޔާގެ ޖުމްލަ 391 މައްސަލައެެއް ރިޕޯޓު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ، މި އަހަރު ރިޕޯޓުކޮށްފައި ވާ ގެވެށި އަނިޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހު 37 މައްސަލައަކާއި، ފެބްރުއަރީ މަހު 39 މައްސަލައަކާއި، މާޗް މަހު 26 މައްސަލައެއް ރިޕޯޓުކޮށްފައި ވާ ކަމަށެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކިކަހަލަ އަނިޔާތަކުގެ ތަފާސް ހިސާބަށް ބަލާއިރު ޖެނުއަރީ މަހު 121 މައްސަލައަކާއި، ފެބްރުއަރީ މަހު 169 މައްސަލައަކާއި، މާޗް މަހު 101 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް އައިޝަތު ދީދީ ވިދާޅުވިއެވެ. ރިޕޯޓުކޮށްފަިއވާ މައްސަލަތަަކަށް ބަލާއިރު މާޗްމަހު ރިޕޯޓުކޮށްފައިވާ މައްސަލަަތަކުގެ އަދަދު މަދުކަން ފާހަގަކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާޗް މަހުގައި ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާ ރިޕޯޓުކޮށްފައިވާ އަދަދު މަދުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ އަދަދު މަދުވެގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. ނަމަވެސް ރިސާޗްތަކުން ދައްކާ ގޮތުގައި އަނިޔާކުރާ ފަރާތާއެކުގައި އުޅޭ ދުވަސްވަރެއްގައި ރިޕޯޓުކުރާ އަދަދު މަދުވެގެންދާ ކަން ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ގޭގައި އނެމެން ތިބުމަށް އަންގަމުންދާ މިދުވަސްވަރުގައި އެފަދަ އަނިޔާތައް ކުރާ ފަރާތްތަކާއެކު އަނިޔާ ލިބޭ ފަރާތްތައް ހުންނަން ޖެހޭ ކަމުގެ ކަންބޮޑުވުމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. މިއަހަރު ފެށުނު އިރު މިފަދަ މައްސަލަތައް ރިޕޯޓުކުރާ އަދަދު ވަނީ އިތުރުވެފައެވެ. އޭރު މިފަދަ އަނިޔާތަކާ ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލާ ވަނީ މުޒާހަރާވެސް ކޮށްފައެވެ.