މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖައްސައިފިއެވެ.
ސައީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އެހެންމަވެސް 2011ވަނަ އަހަރުގައި އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވިއެވެ. އަދި ފަހުން ހަވާލުވެވަޑައިގަތީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުމަށެވެ.
އެމްއެސްއެސްގެ ހިދުމަތްތައް މިއަދު ފަށައިފައި ވާއިރު، އެ ކުންފުނީގެ ފުރަތަމަ ބޯޓު ވަނީ މިއަދު ރާއްޖެ އައިސްފައެވެ. "އެމްވީ އިބޭރިއަން އެކްސްޕްރެސް" ގެ ނަމުން ނަން ދީފައިވާ މި ބޯޓު ރާއްޖެ ގެނައުން ފާހަގަ ކުރުމަށް ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެކުންފުނީގެ އޮޕަރޭޝަންތައް ފެށުމާއެކު ރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭރު ބަޔަކަށް ބަރޯސާވާން ދެން ނުޖެހޭނެ ކަމަށެވެ. އަދި އެތައް ޒަމާންތަކަކަށްފަހު ރާއްޖޭގައި ޝިޕިން ލައިނެއް އަނެއްކާވެސް އުފެދިގެން ދިއުމަކީ ރައްޔިތުންނަށް އިތުރު އުއްމީދެއް ގެނެސްދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބޯޓާ ބެހޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މީގެ ކުރިން ވިދާޅުވީ ޝިޕިން އަށް އަމިއްލަ ބޯޓެއް އޮތުމަކީ އެކަމުގެ ސަބަބުން އެތައް ގޮތަކުން އަގުތައް ހެޔޮވެގެން ދާނެ ކަމަށެވެ. ޝިޕިން ލައިނަށް ގެނައި ފުރަތަމަ ބޯޓަކީ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ. މި ބޯޓު ރާއްޖެ އައީ ކާޑާއި ބޭހުގެ ބައެއް ބާވަތްތައްވެސް ހިފައިގެންނެވެ.
އެސްޓީއޯއަކީ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ކުންފުންޏަކަށް ވާއިރު އެކުންފުނިން މިހާރު ބޭނުން ކުރަމުން ގެންދަނީ އެހެން ފަރާތްތަކުގެ ބޯޓުތަކެވެ. އެސްޓީއޯއިން އަމިއްލަ ބޯޓެއްގެ ގޮތުގައި ގެންގުޅެމުން އަންނަނީ ތެޔޮ ޓޭންކަރެކެވެ. ނަމަވެސް އެސްޓީއޯގައި ޝިޕިންލައިން އެއް ހެދުމުގެ މަސައްކަތް ފަށާ ކުރަންޖެހޭ ހުރިހާ ދިރާސާއެއް ކޮށްފައިވަނީ މި ތެޔޮ ޓޭންކަރު ގެނައުމުގެ ތެރޭގައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައެވެ.
އެމްއެސްއެސް އަކީ އެސްޓީއޯގެ ސަބްސިޑަރީ އެކެވެ. އެކުންފުނީގައި ހިމެނެނީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީ، ފިއުލް ސަޕްލައި މޯލްޑިވްސްގެ 0.01 ޕަސެންޓް ހިއްސާއެވެ.