ގައުމީ ޝިޕިން ކުންފުނީ، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ހިދުމަތްތައް ރަސްމީކޮށް ފަށައިފިއެވެ.

އެމްއެސްއެސްގެ ހިދުމަތްތައް މިއަދު ފަށައިފައި ވާއިރު، އެ ކުންފުނީގެ ފުރަތަމަ ބޯޓު ވަނީ މިއަދު ރާއްޖެ އައިސްފައެވެ. "އެމްވީ އިބޭރިއަން އެކްސްޕްރެސް" ގެ ނަމުން ނަން ދީފައިވާ މި ބޯޓު ރާއްޖެ ގެނައުން ފާހަގަ ކުރުމަށް ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

މި ބޯޓު މާލެ ބަނދަރަށް ވަދެގެން އައިއިރު، ޓަގު ބޯޓުން ދިޔައީ (ވޯޓާ ސެލިއުޓް) ފެން އަރުވަމުންނެވެ.

މި ބޯޓާ ބެހޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މީގެ ކުރިން ވިދާޅުވީ ޝިޕިން އަށް އަމިއްލަ ބޯޓެއް އޮތުމަކީ އެކަމުގެ ސަބަބުން އެތައް ގޮތަކުން އަގުތައް ހެޔޮވެގެން ދާނެ ކަމަށެވެ. ޝިޕިން ލައިނަށް ގެނައި ފުރަތަމަ ބޯޓަކީ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ. މި ބޯޓު ރާއްޖެ އައީ ކާޑާއި ބޭހުގެ ބައެއް ބާވަތްތައްވެސް ހިފައިގެންނެވެ.

އެމްއެސްއެސްގެ ފުރަތަމަ ބޯޓު މާލޭ ބަނދަރަށް ވަންނަތަން ބައްލަވަން އެސްޓީއޯއާއި، އެމްޕީއެލްގެ އިސް ބައެއް ބޭފުޅުން

އެސްޓީއޯއަކީ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ކުންފުންޏަކަށް ވާއިރު އެކުންފުނިން މިހާރު ބޭނުން ކުރަމުން ގެންދަނީ އެހެން ފަރާތްތަކުގެ ބޯޓުތަކެވެ. އެސްޓީއޯއިން އަމިއްލަ ބޯޓެއްގެ ގޮތުގައި ގެންގުޅެމުން އަންނަނީ ތެޔޮ ޓޭންކަރެކެވެ. ނަމަވެސް އެސްޓީއޯގައި ޝިޕިންލައިން އެއް ހެދުމުގެ މަސައްކަތް ފަށާ ކުރަންޖެހޭ ހުރިހާ ދިރާސާއެއް ކޮށްފައިވަނީ މި ތެޔޮ ޓޭންކަރު ގެނައުމުގެ ތެރޭގައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައެވެ.

އެމްއެސްއެސް އަކީ އެސްޓީއޯގެ ސަބްސިޑަރީ އެކެވެ. އެކުންފުނީގައި ހިމެނެނީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީ، ފިއުލް ސަޕްލައި މޯލްޑިވްސްގެ 0.01 ޕަސެންޓް ހިއްސާ އެވެ.