ފޮނުވަން ޖެހޭ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ނުވަތަ އީގަވަމެންޓް މެދުވެރިކޮށް ފޮނުވުމަށް މިނިސްްޓްރީއޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓްރަކްޗާއިން އެދިއްޖެއެވެ. އީގަވަމެންޓަކީ، ސަރުކާރުގެ އޮފީސްތަކުގެ ދެމެދުގައި ބޭނުން ކުރާ އޮންލައިން ޕޯޓަލެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި ވާތީ، ސަރުކާރު ހުޅުވެންދެން ވަކި ގޮތަކަށް ހުށަހަޅަން އަންގާފައިވާ ތަކެތި ފިޔަވައި އެމިނިސްޓްރީއަށް ހުށަހަޅާ ސިޓީތަކާއި ފޯމުތަކުގެ އިތުރުން ހުށަހަޅާ ލިޔެކިޔުންތައް އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް ހުށަހެޅުމަށް އަންގާކަމަށެވެ.

މީގެ އިތުރުން ދެލިކޮޕީ ހުށަހަޅަން ޖެހޭ ހާލަތުގައި އެތަކެތި ސިޓީ އުރައެއްގައި ބަންދުކޮށް މައުލޫމާތު ފުރިހަމަކޮށް އެމިނިސްޓްރީގެ މައިދޮރާށި ކައިރީގައި ބަހައްޓާފައި ހުންނަ "ޑްރޮޕް ބޮކްސް" އަށް ލުމުގެ ކުރިން އެ ލިޔެކިޔުންތައް މެއިލް ކުރުމަށް ވެސް އެ މިނިސްޓްރީން އެދެއެވެ.

އެ މިނިސްޓްރީން ބުނީ "ޑްރޮޕް ބޮކްސް" އަށް ތަކެތި ހުށަހެޅޭނީ ކޮންމެ ހަފުތާއެއްގެ ވެސް އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 12:00 އާ ހަމައަށް ކަމަށެވެ. އަދި "ޑްރޮޕް ބޮކްސް" އަށް ތަކެތި ހުށަހަޅާ ސްލިޕް އެމިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ. "ޑްރޮޕް ބޮކްސް" އަށް ލާ ލިޔެކިޔުންތައް ބަލައިގަތްކަމުގެ ސްލިޕް ފަސްދުވަސްތެރޭ އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން އެގޮތައް ނިންމާފައި ވާއިރު، ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ ގިނަ އިދާރާ ތަކާއި އަމިއްލަ ބައެއް ކުންފުނިތަކުން އަންނަނީ އޮންލައިކޮށް އާންމުންނަށް ފަސޭހަވަނެހެން ކަންތައްތައް ކުރެވޭނެ މަގުފަހި ކޮށްދެމުންނެވެ. އެ ގޮތައް އެ ތަންތަނުން ނިންމާފައި އިޖުތިމާއީ ގައިދުރު ކަމަށް ސިއްހީ މާހިރުން ލަފާދެމުންދާތީއެވެ.