ކޮވިޑް-19 އާ ގުޅިގެން ގާއިމު ކުރި ޓްރެވަލް ކްލިނިކް ފްލޫ ކްލިނިކަކަށް ބަދަލުކޮށްފިއެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް-19އާ ގުޅިގެން މާލޭ ހިޔާ 2ގެ ފުރަގަހުގައި ކުރިއަށް ގެންދިޔަ ޓްރެވެލާސް ކްލިނިކް އިއްޔެ އިން ފެށިގެން ފްލޫ ކްލިނިކަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ، މި ފްލޫ ކްލިނިކްގެ ހިދުމަތްތައް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 12:00 އަށް ކަމަށެވެ. އަދި މި ކްލިނިކަށް ދިވެހިންގެ އިތުރުން ބިދޭސީން ވެސް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ، ހުން އައިސް ކެއްސާނަމަ، ނުވަރަ ރޯގާގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ފްލޫ ކްލިނިކްތަކަސް ދިއުމަށް އިލްތިމާސްކޮށްފައެވެ.

ޓްރެވެލް ކްލިނިކް ފްލޫ ކްލިނިކަކަށް ބަދަލުކޮށްފައިވާއިރު، މީގެ ކުރިން ޓްރެވެލް ކްލިނިކަށް ދައްކަނީ ރާއްޖެއިން ބޭރަށް ދިއުމަށްފަހު އަންނަ މީހުންނެވެ. ނަމަވެސް، މިހާރު ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ކަރަންޓީނު ކުރުމަށް ވަނީ ނިންމާފައެވެ. މިހާރު ރާއްޖެއިން ބޭރުން އަންނަ އެންމެން ދަނީ، ކަރަންޓީނު ފެސިލިޓީތަކަށެވެ.

އައިޖީއެމްއެޗުން މިހެން ބުނެފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ވަނީ 23 ފްލޫ ކްލިނިކެއް ގާއިމްކޮށް ހިދުމަތް ދެމުންނެވެ. އެގޮތުން، އިއްޔެގެ ނިޔަލަށް މި ކްލިނިކްތަކުން 5800 މީހުން ވަނީ ހިދުމަތް ހޯދާފައެވެ.