ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ގަލްފް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ސައުދީ އަރަބިއްޔާއިންވަނީ ޖިއްދާގެ 7 އަވަށެއްގައި ލޮކްޑައުންއާ ކާފިއުގެ އަމުރު އިއުލާންކޮށްފައެވެ.

ހޮނިހިރު ދުވަހުން ފެށިގެން ތަންފީޒު ކުރަމުންދާ މި އަމުރު ބުނާ ގޮތުން މި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އާންމު ދިރިއުޅުމަށް ބޭނުންވާ ސާމާނާ، ސިއްހީ ބޭސްފަރުވާގެ ކަންކަމުގައި ގެއިން ބޭރަށް ނިކުމެ އުޅެވޭނެ ގަޑިއަކީ ސައުދީ އަރަބިއްޔާގެ ގަޑިން ހެނދުނު 06:00 އާ މެންދުރުން އަނބުރާ 03:00 އާ ދެމެދުގައި ކަމުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ސައުދީ ބައިކޮށްފައިވާ އެކި ސަރަހައްދުތަކުގެ ތެރެއިން، އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ހުރުސް ކުރުންވެސް މިވަގުތު މަނާކޮށްފައިވާކަމަށް އެގައުމުގެ ދާހިލީ ވުޒާރާއިން މައުލޫމާތު ދެއެވެ.

މިފަދަ ފިޔަވަޅުތަކެއް ސައުދީގެ އެހެން ސިޓީތަކުގައިވެސް މިހާރު ދަނީ ތަންފީޒު ކުރަމުންނެވެ. އެގޮތުން ގަލްފްގެ ބަނދަރު ދައްމާމުގައިވެސް މިފަދަ އުސޫލަކުން އަމަލުކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ. ދައްމާމްއަކީ، ސައުދީގެ ތެލުގެ ސިނާއަތުގެ މައި ޕޮއިންޓްއެކެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ފިހާރައެއްގެ ކުރިމަތީގައި ދޮށީ އުމުރުގެ މީހަކު އިށީނދެލައިގެން/ފޮޓޯ: ޢަލީ އަހުމަދު

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ 6 ގައުމަށް ބަލާއިރު ސައުދީއަކީ ކޮވިޑް-19ގައި އެންމެ ނުރައްކާވެފައި އޮތް ގައުމެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ސައުދީއިން 2179 މީހަކު ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 29 އަށް އަރާފައެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސައުދީއިން ވަނީ މައްކާ އާއި މަދީނާގެ ބޯޑަރުވެސް ބަންދުކޮށްފައެވެ. އުމްރާ ވިސާ ދޫކުރުން މަޑުޖައްސާލާފައިވާއިރު، ކޮވިޑް-19ގެ ބަލިމަޑުކަން ވަކި ގޮތަކަށް ހަމަޖެހެންދެން، މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ކުރަމުންދާ ޕްލޭންތައް މިވަގުތަށް މަޑުޖައްސާލުމަށްވެސް ސައުދީއިންވަނީ މުސްލިމު އަޚުންނާ އުޚުތުންނަށް އިރުޝާދު ދީފައެވެ.

ސައުދީއިން މިފަދަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ސައުދީގެ އަވަށްޓެރި އެކުވެރި އަރަބި އިމާރާތުންވެސް ދަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ޔޫއޭއީން މިހާރު ވަނީ ރޭގަނޑުގެ ވަގުތަކީ ކާފިއުގެ އަމުރު އިއުލާންކޮށްފައި އޮންނަ ވަގުތުތަކެއް ކަމުގައި ހަމަޖައްސާފައެވެ. އެއީ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު ޔޫއޭއީއިންވަނީ 241 މީހަކު ކޮވިޑް-19އަށް ޕޮޒިޓްވެ، 1 ފުރާނަ ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައެވެ. މިއާއެކު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 1505 އަށް އަރާ، މަރުވި މީހުންގެ އަދަދު 10 އަށް އަރާފައިވާކަމަށް ޔޫއޭއީ ސަރުކާރުން ކުރަމުންދާ ޓްވީޓްތަކުން ހާމަވެއެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފް ގައުމުތަކަށް ބަލާއިރު ކޮވިޑް-19ގެ އަސަރު އެންމެ ކުޑަކޮށް ކޮށްފައިވަނީ ކުވައިތްއާއި އޮމާންއަށެވެ. ގަތަރަށް ބަލާއިރު ހޮނިހިރު ދުވަހު އެކަނިވެސް 250 ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ.