ކޮންމެ ފަދަ ކަމެއް ކުރިމަތިވެގެން އުޅޭ ދަނޑިވަޅެއްގައިވެސް އާދަޔާ ހިލާފު ކަމެއް ކޮށްގެން ބައިނަލްއަގުވާމީ މިޑީއާގެ ފަލަ ސުރުހީތަކުން އެންމެ އާންމުކޮށް ޖާގަ ހޯދަމުންދާ އިންޑިއާއިން އަނެއްކާވެސް އެ ރެކޯޑް ދަމަހައްޓައިފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިވެފައިވާ މި ދަނޑިވަޅުގައި، އިންޑިއާގެ ޗައްތީޝްގަރު ސްޓޭތަށް އުފަންވި އެއްމާބަނޑު ދެބެންނަށް މިވަނީ، "ކޮވިޑް"އާއި "ކޮރޯނާ"ގެ ނަމުން ނަންދީ، މީޑިއާގެ ސަމާލުކަން ހޯދާފައެވެ.

މި ދެބެން އުފަންވީ ހުސްވި މާޗް މަހުގެ 24 ވަނަ ދުވަހުއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް 21 ދުވަހުގެ ލޮކްޑައުން އަމުރެއް ތަންފީޒު ކުރަމުންދަނިކޮށް އުފަންވި މި އެއްމާބަނޑު ދެބެންނަކީ 2 ޖިންސްގެ 2 ކުދިން ކަމަށް ޚަބަރު ލިބެއެވެ.

އުމުރުން 27 އަހަރުގެ މަންމަ، ޕްރިތީ ވަރުމާ ބުނީ ދެދަރިން ލިބުނީ ވަރަށް ތަކުލީފު އުފުލުމަށް ފަހުގައި ކަމަށާ، ދަރިން ލިބުނު ދުވަހަކީ ހަނދާނުން ނުފިލާނެ ދުވަހަކަށް ހަދަން ބޭނުންވާކަމަށެވެ.

ޕްރިތީއާއި އޭނާގެ ފިރިމީހާ ބުނީ، މި ދެކުދިންނަކީ ލޮކްޑައުންގައި އުފުލަމުންދާ ތަކުލީފުތައް މަތިން އަބަދުވެސް ހަނދާން ކޮށްދޭނެ ދެ ކުދިން ކަމަށެވެ.

ކޮވިޑް-19 އަށް މީހުން ހޭލުންތެރިކުރުވުމަށް އިންޑިއާ ފުލުހަކު އާދަޔާ ހިލާފު ހެލްމެޓެއްގައި ޑިއުޓީ ކުރަނީ/ފޮޓޯ: އޭއެފްޕީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާއެކު 1.3 ބިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެތަކުގައި ބަންދުވެފައެވެ.