ކޮރޯނާވައިސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް-ކޮރޯނާވައިރަސް 2 (ސާސް-ކޮވް-2)އަކީ ނޭވާލުމުގެ ތެރޭގައިވެސް ބޭރުވެގެންދާ ވައިރަހެއް ކަން ފަހުގެ ހޯދުންތަކުން ދައްކާފައިވާކަމަށާ، ނޭވާލުމުގެ ޒަރިއްޔާއިންވެސް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ނޭޝަނަލް ސެންޓާ ފޮ ރެސްޕިރޭޓަރީ މެޑިސިންގެ ފިޒީޝަން، ޑރ. މުޙައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާ ގުޅިގެން ޔުނިވާސިޓީ އޮފް ނެބްރާސްކާ މެޑިކަލް ސެންޓަރުގައި ހަދާފައިވާ ދިރާސާއެއް ހިއްސާކުރައްވަމުން ޑރ މުޙައްމަދު ޢަލީ ވިދާޅުވީ ވައިގެ ތެރެއަށް ބުރައިގެން ތިކިތަކުގެ އިތުރުން، ސީދާ ނޭވާލުމުގެ ޒަރިއްޔާއިންވެސް ވައިރަސް ފެތުރުމަށް ފުރުސަތު އޮތުން އެކަށީގެންވާކަމަށާ، ބަލިން ރައްކާތެރިވުމުގެ ގޮތުން ދުރާލާ އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ފޮތި މާސްކެއް ބޭނުންކުރަން ފެށުމަށް ގޮވާލުން އެދެވިގެންވާކަމަށެވެ.

ދިރާސާ ބުނީ ކީކޭ؟

ނޭވާލާ ނިޒާމަށް ޖެހޭ ވައިރަލް އިންފެކްޝަންތަކަކީ އެ ބަލީގައި ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ބަޔަކު މަރުވެގެންދާ އެއް ބަލިމަޑުކަމެވެ. ފާއިތުވީ 25 ވަރަކަށް އަހަރު ދުވަހަށް ބަލާއިރުވެސް، ގައިންގައަށް އަރާ މިފަދަ ބަލިތައް، ބޮޑެތި ބަލިމަޑުކަމުގެ ދަރަޖާގައި، ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ ފެނިފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ފެނުނު ސާސް-ކޮވް-2 ނުވަތަ ކޮވިޑް-19 ޖައްސާ ވައިރަހާ ބެހޭ މާ ބޮޑު ތަފްސީލީ ދިރާސާތަކެއް އަދި ވަނީ ކޮޅެއްގައި ނުޖެއްސިއެވެ. މިކަމުގެ ސަބަބުން، މި ބަލިމަޑުކަމާ ގުޅިގެން އަމަލުކުރަމުންދާ އުސޫލުތައްވެސް ކެނޑިނޭޅި އަންނަނީ ބަދަލުވަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ، ކޮވިޑް-19އާ ގުޅިގެން އަމަލުކުރަމުންދާ އުސޫލުތަކާ، ދެމުންދާ އިރުޝާދުތަކަކީ އަބަދުވެސް ބަދަލުވަމުންދާނެ ކަންތައްތަކެއްކަން ފާހަގަކޮށްފައެވެ.

ޔުނިވާސިޓީ އޮފް ނެބްރާސްކާ މެޑިކަލް ސެންޓަރު (ޔޫއެންއެމްސީ)އާ، އެމެރިކާގެ ނޭޝަނަލް ސްޓްރެޓީޖިކް ރިސާޗް އިންސްޓިޓިއުޓް އަދި އެމެރިކާގެ ވައިގެ އަސްކަރިއްޔާގެ އޭރޯސްޕޭސް މެޑިސިން ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތައް ބުނާ ގޮތުގައި ކޮވިޑް-19 ޖައްސާ ވައިރަހަކީ ނޭވާލުމުގެ ތެރެއިންނާ، ފާހާނާ ކުރުމުގެ އިތުރުން، ވައިރަސް ހަރުލާފައި ހުރި އެއްޗެއްގައި ޖެހިގެންވެސް ފެތުރޭ ވައިރަހެކެވެ. އެހެންކަމުން، ކޮވިޑް-19އަކީ ސީދާ ގޮތުންނާ ނުސީދާ ކޮންޓެކްޓްއެއްގެ ޒަރިއްޔާއިންވެސް ފެތުރިދާނެ ބަލިމަޑުކަމެއްކަން މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ޔޫއެންއެމްސީއިން ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ނެބްރާސްކާ ބަޔޯކޮންޓެއިންމަންޓް ޔުނިޓް (އެންބީޔޫ)ގައި ކޮވިޑް-19އަށް ފަރުވާ ކުރަމުންދިޔަ 13 ޕޭޝަންޓުންނާ، ނޭޝަނަލް ކަރަންޓީނު ޔުނިޓް (އެންކިއުޔޫ)އިން ކުދި އަލާމާތްތަކައެކު އައިސޮލޭޓްކުރި ކޭހުން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. މި ދިރާސާ އަށް ސާމްޕަލްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ކޭސްތައް މެނޭޖުކޮށްފައިވަނީ ސަލާމަތާ، ރައްކާތެރި ކަމުގެ ގޮތުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ވެއްޓެއްގައެވެ.

ދިރާސާއަށް ސާމްޕަލް ނަގަން ބޭނުންކުރި އާލާތްތަކަކީ ޕޭޝަންޓުން ތިބި ކޮޓަރިތަކުގެ އެކި ހިސާބުތަކުން އެއްކުރި އާލާތްތަކެވެ. އަދި މި ސާމްޕަލްތަކަކީ ޕޭޝަންޓުނާ ސީދާ ކޮންޓެކްޓްވެފައިވާ ސަމާނެއްވެސް ނޫނެވެ.

ދިރާސާގެ ހޯދުންތައް

ޕޭޝަންޓުން ތިބި ކޮޓަރިތަކާ، އެ ތަންތަނާ ގުޅިފައިވާ މަގުތައް (ހޯލްވޭ)އިން ސާމްޕަލް ނަގާފައިވާއިރު، ހޯދުންތަކުން ދެނީ ހައިރާންކުރުވަނިވި މެސެޖެކެވެ. ދިރާސާގެ ހޯދުންތައް ދައްކާ ގޮތުގައި ޕޭޝަންޓުންގެ ކޮޓަރިތަކުން، ހޯލްވޭއަށް ވައިރަސް ވަނީ ބޭރުވެފައެވެ. ހޯލްވޭއިން ނެގި ސާމްޕަލްތަކަށް ބަލާއިރު 66.7 ޕަސެންޓް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ބެލެވޭ ގޮތުގައި، އެއީ ޕޭޝަންޓް އޮތް ކޮޓަރިއަށް ވަދެނިކުމެވި ސިއްހީ ހިދުމަތްތެރިންގެ ޒަރިއްޔާއިން ބޭރުވި ވައިރަހުގެ އަސަރު ކަމަށްވެސް ދިރާސާ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19އާއި ގުޅިގެން ޓާސްކް ފޯރސްއިން ބޭއްވުނު ޑްރިލްގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މި ދިރާސާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސިއްހީ ހިދުމަތްތެރިން ބޭނުންކުރި ސަލާމަތީ ގިއަރުތައްވެސް ވަނީ ޓެސްޓުކޮށްފައެވެ. ޓެސްޓުގެ ނަތީޖާއަށް ބަލާއިރުމި ގިއަރުތަކުގައިވެސް ވައިރަސް އަށަގެންފައިވާކަން ވަނީ ސާބިތު ކުރެވިފައެވެ. އެއީ ބަލި މީހާ ކެއްސާ ނުހެދިކަމުގައި ވީނަމަވެސްމެއެވެ.

ޕޭޝަންޓުންގެ ކޮޓަރިތަކުގައި ހުރި ސާމްޕަލްތަކަށް ބަލާއިރު 2 މީޓަރު ދުރުގައި ހުރި އާލާތްތަކުންވެސް ވައިރަހުގެ އަސަރު ފެނިފައިވާއިރު، އިޖުތިމާއީ ގައި ދުރުކަމުގެ ގޮތުގައި މިހާރު ބޭނުންކުރަމުންދާ އާންމު މިންގަނޑު ކަމަށްވާ 1 މީޓަރުގެ ދުރުމިންވެސް އެންމެ އެކަށީގެން ނުވާ ކަމަށް މި ދިރާސާ ބުނެއެވެ.

މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކަށް ބަލާއިރު، ވައިރަސް އަށަގެންފައި ހުންނަ ތަނެއްގައި އަތްޖެހުމަށްފަހު ސަލާމަތުން ހުންނަ މީހެއްގެ މޫނުމަތީގައި އަތްޖެހޭ ގޮތަކުންވެސް އެމީހެއްގެ ހަށިގަނޑަށް ވައިރަސް ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަންވަނީ ހާމަވެފައެވެ.

ސިއްހީ ހިދުމަތްތެރިންނަށް މިހާރަށްވުރެ ބޮޑަށް ސަލާމަތާ، ރައްކާތެރިކަމުގެ ގިއަރުތައް ބޭނުންވެފައިވާކަން ޔޫއެންއެމްސީގެ ހޯދުންތަކުން މިވަނީ ދައްކާފައެވެ.

ކޮވިޑް-19 ޖައްސާ ވައިރަހާ ގުޅިގެން އާންމުކޮށްފައިވާ ދިރާސާގެ ސައްހަކަމަށް ބަލާއިރު، މިއީ އަދި ކަމާބެހޭ އެއްވެސް ފަރާތަކުން ރަސްމީ ހައިސިއްޔަތެއްގައި މުރާޖައާކޮށްފައިވާ ދިރާސާއެއް ނޫންކަން ފާހަގަކުރަންޖެހެއެވެ. މި ދިރާސާ އާންމުކޮށްފައިވަނީ، ޕިއާ-ރިވިއުވެސް ނުކޮށް، ޕްރީ-ޕްރިންޓެއްގެ ގޮތުގައެވެ. ނަމަވެސް ދިރާސާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ސަލާމަތީ ގޮތުން ދުރާލާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އެޅުން ބުއްދިވެރިއެވެ.

ކޮވިޑް-19އަކީ ނޭވާލުމުގެ ތެރޭގައިވެސް ފެތުރިގެންދާ ވައިރަހެއްކަން މި ދިރާސާއިން ދައްކާފައިވާއިރު، ދުރާލާ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން، ކަމާ ބެހޭ ފަރާތްތަކުން ފޯރުކޮށްދެމުންދާ އެންމެ ފަހުގެ ސިއްހީ މައުލޫމާތަށް ބަރޯސާވުން މުހިންމެވެ.