މި ދަނޑިވަޅަކީ މުއްސަނދިން ދީލަތިކަމުގެ މިސާލު ދައްކަންވީ ވަގުތު ކަމަށް ހުކުރު ހުތުބާގައި މިއަދު ބުނެފިއެވެ.
މިއަދު ހުކުރު ހުތުބާގައި މުއްސަނދިން ދީލަތިން ދެއްކުމަށާއި މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުން އެކަތިގަނޑަކަށްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން އެންމެ ހެޔޮ އަމަލަކީ މުސްލިމް އަހާގެ ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެއް ކޮށްދިނުން ކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށް ހުތުބާގައި ބަޔާންކުރިއެވެ.
"އެންމެ ހެޔޮ އަމަލަކީ ތިބާގެ މުއުމިން އަހާގެ ހިތަށް، އުފާވެރިކަން ގެނެސްދޭ ފަދަ ކަމެއް ކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާއަށް ރޮށްޓެއްގެ މިންވަރު ނަމަވެސް ކާންދިނުމެވެ،" ރަސޫލާގެ ހަދީސް އިއްވަމުން ހުތުބާގައި ބުންޏެވެ.
މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުމަށްޓަކައި ހެޔޮކަމުގެ މަގަށް ރުޖޫއަވެ، ނުބައި ކަންކަމުން ދުރުހެލިވާން ޖެހޭކަމަށާއި އެހެނީ ފާފަތަކުން ތައުބާވެ އިސްތިއުފާރު ކުރުމަކީ މުސީބާތްތަކުން މިންޖުވާން އޮތް މަގު ކަމަށެވެ.
އޭގެ އިތުރުން މުޅި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ކޮންމެ މީހަކު ވެސް އަދާކުރަންޖެހޭ ފަރުދީ ޒިންމާ، އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ބޯލަނބައި ކިޔަމަންވާންޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.
މިފަދަ ކާރިސާއެއްގެ ވަގުތުގައި މުޖުތަމައުގެ އާންމު މަސްލަހަތަށް އިސްކަންދީ، ކެތްތެރިކަމާއި އެއްބައިވަންތަ ކަމަށް އިސްކަންދޭންޖެހޭ ކަމަށެވެ. އަދި ކާބޯތަކެތިން އިސްރާފު ކުރުމާއި އެހެން މީހުންގެ މުހުތާދު ތަކަށް ބެލުމެއްނެތި ތިމާއަށް ބޭނުންނުވާ ވަރަށް ކާބޯތަކެތި ގަނެ ރައްކާކުރުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
“އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅައި ދިއުން ދީން ހުއްދަ ނުކުރާ ކަމަށާއި ހޭދަ ކުރުމުގައި ވެސް ކެއިން ބުއިމުގައި ވެސް އަދި ފޭރާން އެޅުމުގައި ވެސް މެއެވެ.” ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދުގައި ޖަމާތުގައި ނަމާދުކުރުން މެދުކަނޑާލަފައިވާއިރު އެހެން ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ކުރިޔަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.