މިއީ މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްކަމަށް އެންމެންވެސް ގަބޫލުކުރާނެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ނަމާންކަން މުޅި ދުނިޔެ ވަށާލާފައިވާއިރު، އިގުތިސޯދީ ހަރަކާތްތަކުގެ އިތުރުން އާންމު ދިރިއުޅުންވެސް މުޅި ދުނިޔޭގައިހެން މިއޮތީ މަޑުޖެހި، ހުއްޓުމަކަށް އައިސްފައެވެ.

މިފަދަ ދަނޑިވަޅެއްގައި ދުނިޔެ ސިއްސުވާލި އެއް ޚަބަރަކީ، ދުނިޔެ ހިމޭންވެސް އަޑުފައްގަނޑުވެސް ކުޑަވެފައިވާކަމަށް ސީސްމޮލޮޖިސްޓުން ނުވަތަ ދުނިޔޭގެ ސަތަހައިގެ ހަރަކާތްތަކާ ބިންހެލުންތައް ދިރާސާކުރަމަށް ހާއްސަ ސައިންސްވެރިން ބުނި ޚަބަރެވެ.

މި ސައިންސްވެރިން ބުނާ ގޮތުގައި މީގެ މަހެއްހާ ދުވަސް ކުރިއާ އަޅާ ބަލާއިރު ދުނިޔެއިން އިވެމުންދާ ސީސްމިކް އަޑުތައްވަނީ ވަރަށް ބޮޑަށް ހިމޭންވެފައެވެ.

އިތުރު ތަފްސީލެއް ދޭކަމަށް ވަނީނަމަ، ސީސްމިކް އަޑުތަކަކީ އެއްގަމު އުޅަނދުތަކާ، އާންމު ދަތުރުތަކާ، އިންސާނުންގެ އަޑުތަކުން އުފެދޭ އަޑުގެ ތަޣައްޔަރުކަމަށް ބޭނުންކުރާ ފަންނީ ލަފުޒެކެވެ.

ބެލްޖިއަމްގެ ރޯޔަލް އޮބްޒަވޭޓަރީގައި ސީސްމޮލޮޖިސްޓް ޓޮމަސް ލެލޯކްގް ރެކޯޑްކުރި ގޮތުގައި ބެލްޖިއަމްއިން އިވޭ ސީސްމިކް ނޮއިސްތައް ވަނީ 30-50 ޕަސެންޓް ދަށަށް ގޮސްފައެވެ.

މީގެ މާނައަކީ ކޮބާ؟

ސީސްމިކް ނޮއިސްގެ އަޑުފައްގަނޑު މަޑުވުމަކީ، ދުނިޔެއަށް އަންނަ ކުދިކުދި ބިންހެލުންތަކާ އެނޫންވެސް އެފަދަ ބަދަލުތައް ދެނެގަތުމަށާ ރެކޯޑްކުރުމަށް ސީސްމޮލޮޖިސްޓުންނަށް އިންތިހާއަށް ފަސޭހަވެގެންދާނެ ކަމެކެވެ. މިއީ އާންމުކަމަކަށް ވެއްޖެނަމަ، ދުނިޔެއަށް ބިންހެލުން އަންނަ ނިސްބަތް ރެކޯޑްކުރެވޭ މިންވަރު އިތުރުވެގެންދާނެއެވެ. އަދި ބިންހެލުމުގެ ކުރީކޮޅު ހެލުން ފާހަގަކުރެވި، ސަލާމަތީ ފިޔަވަޅުތަކެއް އެޅުމަށް އިތުރު ވަގުތުވެސް ލިބިގެން ދިއުން ގާތެވެ.