ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކަލުގައި މުޅި ބަނދެވިފައިވާ މި ދަނޑިވަޅުގައި އެ ބައްޔަށް ފަރުވާއެއް ނުވަތަ ބަލިން ދިފާއުވާނެ ވެކްސިންއެއް ހޯދުމަށް ސައިންސްވެރިން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ. މިކަމަށް އަދި އޮތީ ކަށަވަރު ޖަވާބެއް ނުލިބިއެވެ. ވަކި ވެކްސިންއެއް ހޯދިފައި ނުވާއިރު، ފަރުވާއެއްވެސް ނެތެވެ. ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.

ކަންމިހެން އޮތް ނަމަވެސް، ބަލީގެ ކޭސްތައް ފުރަތަމަ ފެންމަތިވި ޗައިނާގެ ސައިންސްވެރިންގެ ޓީމަކުން މިވަނީ، ކޮވިޑް-19އާ ގުޅޭ އެންޓިބޮޑީތަކެއް އެކަހެރިކޮށްފައެވެ. މި ސައިންސްވެރިން ބުނާ ގޮތުގައި މި އެންޓީބޮޑީޒްއަކީ ހަށިގަނޑުގެ ސެލްތަކުގެ ތެރެއަށް ކޮވިޑް-19ގެ ވައިރަސް ވަނަނުދީ ހުރަސް އެޅުމަށް އިންތިހާއަށް އެހީވެދޭނެ އެންޓިބޮޑީތަކެކެވެ. މިކަން ކާމިޔާބުވެއްޖެނަމަ، ކޮވިޑް-19އަށް ހާއްސަ ފަރުވާއެއް ދެނެގަތުމަށް ބޮޑު އެހީއަކަށްވާނެއެވެ.

މި އެންޓިބޮޑީތައް ދެނެގަނެފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖީންގެ ސިންގުއާ ޔުނިވާސިޓީގެ ސައިންސްވެރިއެއް ކަމަށްވާ ޝާންގް ލިންޒީއެވެ. އޭނާ ބުނާ ގޮތުގައި މި އެންޓިބޮޑީޒް ބޭނުންކޮށްގެން ބޭހެއް ތައްޔާރުކޮށް ފަރުވާގެ ގޮތުގައި ބޭނުންކުރަން ފަށައިފިނަމަ، މިވަގުތު ބޭނުންކުރަމުންދާ ޑްރަގްތަކަށްވުރެ އެދެވޭ ނަތިޖާއެއް ނެރެވުން ގާތެވެ.

ލިންޒީ ބުނާ ގޮތުގައި މި ހޯދުމަކީ، ކޮވިޑް-19އިން ސަލާމަތްވުމަށާ، އެ ބަލި ޖެހުމަށްފަހު ފަރުވާ ހޯދުމަށްވެސް އެހީއަކަށްވެދާނެ ކަމެކެވެ.

ލިންޒީގެ ޓީމުން މި ދިރާސާ ހަދަން ފެށީ މިއަހަރުގެ ކުރީކޮޅުގައެވެ. މި ދިރާސާއަށް ސާމްޕަލްތައް ނަގަމުން ދިޔައީ ކޮވިޑް-19 ޖެހުމަށްފަހު، އެ ބަލިން ރަނގަޅުވި މީހުންގެ ހަށިގަނޑުންނެވެ. މި ހޯދުންތަކުގެ ތެރެއިން 20 އެންޓިބޮޑީއެއް އައިސޮލޭޓްކުރެވުނު ކަމަށާ، އޭގެ ތެރެއިންވެސް 4 އެންޓިބޮޑީއެއްގެ ބާރު އިންތިހާއަށް ގަދަ ކަމަށްވެސް ލިންޒީ ވަނީ ފާހަގަކޮށްފައެވެ. މިއީ މިފަދަ ގޮތަކަށް ކޮވިޑް-19ގެ އެންޓިބޮޑީތަކެއް އައިސޮލޭޓްކުރެވުނުކަން ބަޔަކު އާންމުކުރި ފުރަތަމަ ފަހަރު ކަމަށްވެސް ލިންޒީ ބުނެއެވެ.

ލިންޒީއާއި އޭނާގެ ޓީމުގެ ހޯދުންތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާއިރު، އިންސާނުންގެ ހަށިގަނޑުގައި މި އެންޓިބޮޑީތައް ޓެސްޓުކުރެވޭ ވަރުވާނީ މީގެ 6 ވަރަކަށް މަސްދުވަސް ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.