މިއަދު ހަވީރު ކާފިއު ހިންގި ވަގުތު 95 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުނެފިުއެވެ.
މިއަދު ކާފިއު ހިންގި ވަގުތު ކޮންމެވެސް ވަރަކަށް މަގުމަތިން މީހުން ފެނިފައިވީ ނަމަވެސް މާލެ ސިޓީގެ ހުރިހާ މަގުތަކެއް ވަނީ މޫލިންހެން ހީމޭންވެފައެވެ. ފުލުހުން ބުނީ މިއަދު ކާފިއު ހިންގި ތިން ގަޑިއިރުގެ ތެރޭގައި 95 ފަރާތަަކަށް ނަސޭހަތްތެރި ވެފައިވާ ކަމަށެވެ. އެއީ 13 ބިދޭސީންނާއި 82 ދިވެހިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކޮވިޑް-19 އާ ގުޅިގެން މިއަދު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދަށް ތިން ގަޑިއިރަށް ކާފިއު އިއުލާން ކޮށްފައި ވާއިރު، އެ ވަގުތުގައި އެޗްޕީއޭއިން އިއުލާން ކުރި އެ އެންގުމާ ހިލާފަށް މަގުމަތީގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ނަސޭހަތް ދިނުމަށް ފަހު އެކަން ތަކުރާރު ވެއްޖެ ނަމަ ޖޫރިމަނާ ކުރާނެ ކަމަށާއި ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިއަދުން ފެށިގެން ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމުން ނިކުމެ އުޅުން ހުއްޓާލުމަށް އަންގާފައި ވާއިރު، އަދި އެ ގަޑިތަކުގައި އެއްގަމު އުޅަނދު ފަހަރާއި ބަހާއި ފެރީ އަދި ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލުމަށް ވަނީ އަންގާފައެވެ.
އެހެންނަމަވެސް ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންްނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުން އެ ފިޔަވަޅުތަކުން އިސްތިސްނާވެއެވެ.
މީގެއިތުރުން އުރީދޫއާއި ދިރާގާއި ބޭންކުތަކާއި އެސްޓީއޯއާއި ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދު ފަހަރާއި ޑިޕްލޮމެޓިކް އުޅަނދު ފަހަރާއި އެމްބިއުލާންސާއި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރު ހިމެނެއެވެ. އަދި އެޗްޕީއޭ އިން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައްވެސް މި ފިޔަވަޅުތަކުން އިސްތިސްނާވެއެވެ.