ރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމަށް ކާފިއު އިއުލާންކުރި ވަގުތު މާލެ ތެރެއަށް ތިން ގަޑިއިރުގެ ހަމަހިމޭން ކަމެއް ވެރިވެއްޖެއެވެ.

ރަސްމީ ފަރާތްތަކުން އަޅަމުން އަންނަ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން މިއަދު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް މާލެ ސިޓީގައި ވަނީ ކާފިއު ހިންގައިފައެވެ.

މާލެ ސިޓީގައި ކާފިއު އިއުލާން ކުރި ފުރަތަމަ ދުވަހަށް ބަލާއިރު، ހަވީރުގެ 5:00 އާ ހަމައަށް އާއި އިރު މަގުތަކުގައި މީހުން ގިނަ ކަމަށް ފާހަގަ ކުރެވެއެވެ. ނަމަވެސް އޭގެ ބައިގަޑިއެއް ހާއިރު ފަހުން މަގުތަކުން މީހުން ހުސްވެ މަގުތަށް ހިމޭން ވިއެވެ. ޒަރޫރީ ބޭނުމަށް ނޫން ގޮތަށް ބައެއް މަގުތައްމަތީ، މަދުން ނަމަވެސް އުޅުނު އާންމުން ފުލުހުން ވަނީ މަގުމަތިން ހުއްޓުވާ ނަސޭހަތްތެރި ވެފައެވެ.

ކޮވިޑް-19އާ ގުޅިގެން މާލޭގައި ކާފިއު އިއުލާން ކުރި ވަގުތު މާލެ ސިޓީގެ މަގަކުން ދިޔަ މީހަކަށް ފުލުހުން ނަސޭހަތްތެރި ވަނީ / ފޮޓޯ: ނިމާ ހަސަން \ ދަ ޕްރެސް

މިއަދުން ފެށިގެން މާލެ ސިޓީގައި ކާފިއު އިއުލާން ކޮށްފައި ވާއިރު، މިއަދު މެންދުރު 12 އިން ފެށިގެން ތިން މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ. އަދި ހަމަ އެ ގަޑިތަކުގައި އެއްގަމު އުޅަނދު ފަހަރާއި ބަހާއި ފެރީ އަދި ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ. އެގޮތުން ނަސޭހަތް ދިނުމަށްފަހު އެކަން ތަކުރާރު ވެއްޖެ ނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑް-19އާ ގުޅިގެން މާލޭގައި ކާފިއު އިއުލާން ކުރި ވަގުތު މާލޭގެ މަގަކުން ސައިކަލުގައި ދުއްވާފައިދިޔަ މީހަކަށް ފުލުހުން ނަސޭހަތްތެރި ވަނީ / ފޮޓޯ: ނިމާ ހަސަން \ ދަ ޕްރެސް

އެހެންނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގެވުމުގައި ވަނީ އެ ފިޔަވަޅުތަކުން 10 ފަރާތެއް އިސްތިސްނާވާނެ ކަމަށެވެ. އެއީ ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންްނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނެވެ.

ކޮވިޑް-19އާ ގުޅިގެން މާލޭގައި ކާފިއު އިއުލާން ކުރި ވަގުތު މާލޭގެ މަގުތަކަށް ވެރިވެފައިވާ ހަމަހިމޭންކަން / ފޮޓޯ: ނިމާ ހަސަން \ ދަ ޕްރެސް

މީގެއިތުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި އުރީދޫއާއި ދިރާގާއި ބޭންކުތަކާއި އެސްޓީއޯއާއި ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދު ފަހަރާއި ޑިޕްލޮމެޓިކް އުޅަނދު ފަހަރާއި އެމްބިއުލާންސާއި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރުގެ އިތުރުން އެޗްޕީއޭ އިން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް މި ފިޔަވަޅުތަކުން އިސްތިސްނާވާނެ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައިވެއެވެ.

މި އެންގުމުގައިވާ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް ތަބާވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައިވެއެވެ.

މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، މާލެ ސަރަހައްދުގެ އާންމުންގެ ހިނގައިބިނގާވެ އުޅުން ހުއްޓުވާ ފުރަތަމަ ފަހަރެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 78-1977 ގައި މުޅި ރާއްޖެއަށް ކޮލެރާ ބޭރަށް ހިންގުން ފެތުރި އެތައް ބަޔަކު މަރުވެ، ގައުމުގައި ބިރުވެރިކަން އުފެދުނެވެ. އޭގެ ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1982 ވަނަ އަހަރު ޝިގެއްލާ ފެތުރި، އެ ބޭރަށް ހިންގުމުގައި ވެސް އެތައް ބަޔަކު މަރުވިއެވެ. މި ދެ ފަހަރު ވެސް ރައްޔިތުން ނުކުމެ، ފެން ވަޅުތައް ކޮލަރިން ކުރުން ފަދަ ކަންކަން، ރަސްމީ ފަރާތްތަކުގެ އެހީތެރިކަމާއި އިރުޝާދާ އެކު ކުރިއަށް ގެންދިޔައީއެވެ.