އެކޯ ޑައިވާސް ކުންފުނިން މުވައްޒަފުން ވޮލެންޓިއާ ނޯ ޕޭ ލީވެއް ނެގުމަށް އަންގައިފިއެވެ.
6 ސަފާރީއެއް އޮޕަރޭޓް ކުރަމުން އަންނަ އެކޯ ޑައިވާސް ކުންފުނިން ވަނީ އެ ކުންފުނީގެ މުވައްޒަފުން ވޮލެންޓިއާ ނޯ ޕޭ ލީވެއް ނެގުމަށް އަންގާ، އެގްރީމެންޓެއްގައި ސޮއި ކުރުމަށް ހަވާލުކޮށްފައެވެ. ނޯޕޭ ލީވް ނެގުމަށް އަންގާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން، ކުންފުނީގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް އެ ކުންފުނިން ވަނީ މުވައްޒަފުންނަށް އަންގާފައެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ކުންފުނީގެ ސަފާރީއެއްގައި އިސްކޮށް މަސައްކަތް ކުރާ މުވައްޒަފަކު ބުނީ، އެ ސަފާރީން ގެސްޓުން ފޭބިތާ މިމަހުގެ 3 ވަނަ ދުވަހަށް އައިސޮލޭޝަން މުއްދަތު ހަމަވާ ކަމަށެވެ. އަދި އައިސޮލޭޝަން މުއްދަތު ހަމަވަންދެން ސަފާރީގައި ތިބޭ މުއްދަތަށް މުސާރަ ދޭނެ ކަމަށް މެނޭޖްމަންޓުން އަންގާފައިވާ ކަމަށެވެ. އޭނާ ބުނީ، ވޮލެންޓިއާ ނޯ ޕޭ ލީވަށް ދިއުމަށް މެނޭޖްމަންޓުން ވަނީ އެކޯ ޑައިވާސްގެ ޖެނެރަލ މެނޭޖަރު ބާނީ މެކަޓިއާގެ ފަރާތުން އެގްރީމަންޓްގައި ސޮއި ކުރުމަށް ހަވާލުކޮށްފައި ކަމަށެވެ. އަދި މި އެގްރީމަންޓުގައި ސޮއި ކުރާ މުވައްޒަފުންނަށް، ކުންފުނި އަލުން ހިންގަން ފެށުމުން ވަޒީފާ ކަށަވަރުވާނެ ކަމަށާއި، ސޮއި ނުކުރާ މުވައްޒަފުންނަށް އަނބުރާ ވަޒީފާ ނުލިބޭނެ ކަމަށް މެނޭޖްމަންޓުން އަންގާފައިވާ ކަމަށެވެ. އޭނާ ބުނީ، އެގްރީމަންޓުގައި ސޮއިކޮށް މިއަދު ހަވީރު 4 ޖަހުމުގެ ކުރިން ހުށަހެޅުމަށް އަންގާފައިވީ ނަމަވެސް، އަދި މިހާތަނަށް އެއްވެސް ދިވެހި މުވައްޒަފަކު މި އެގްރީމަންޓުގައި ސޮއި ކޮށްފައި ނުވާ ކަމަށެވެ.
އެ މުވައްޒަފު ބުނީ، އެ ކުންފުންޏަށް ދެރަގޮތެއް ވާން ނޭދޭ ކަމަށާއި، ވަޒީފާއާބެހޭ ގާނުގައި ވާ ގޮތުގެ މަތިން ތިން މަހުގެ މުސާރަ އާއި ރޯދަ އެލަވަންސް ދިނުމުން އެއްވެސް މައްސަލައެއް ނެތި ދާނެ ކަމަށެވެ. އޭނާ ބުނީ، ބައެއް މުވައްޒަފުން މިހާރުވެސް ވަނީ ޖޮބް ސެންޓަރަށް މައްސަލަ ހުށަހަޅާފައެވެ.
ސަފާރީ ތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މި މައްސަލަ ދިމާވެފައިވާއިރު، ވަޒީފާގެ މައްސަލަތައް ކުރިމަތިވާ މުވައްޒަފުން ޖޮބް ސެންޓަރާއި ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން މުވައްޒަފުންނަށް ވަނީ ގޮވާލާފައެވެ.
ސަފާރީތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަޒީފާ ގެއްލޭ ކަމަށް ބުނެ މިދިޔަ އަންގާރަ ދުވަހު މުޒާފަރާއެއްވެސް ކޮށްފައި ވެއެވެ.
ކޮވިޑް-19އާ ގުޅިގެން އެއްވެސް ތާކުން މުވައްޒަފުން ވަޒީފާ އިން ވަކި ނުކުރުމަށް ސަރުކާރުން އަންނަނީ ބާރު އަޅަމުންނެވެ. އަދި މި ހާލަތުގެ ސަބަބުން މާލީ ދަތިކަން ދިމާވާ ކުންފުނިތަކަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފު ކޮށްފައި ވާއިރު، މި ހާލަތާއި ގުޅިގެން ވަޒީފާއިން ވަކި ކުރާ މުވައްޒަފުންނަށް ތިން މަހުގެ ހާއްސަ ބޯނަހެއް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.