ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖޭގައި ވަޒީފާ ގެއްލޭ ފަރާތްތަަކަށް 3 މަސް ދުވަހުގެ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން 3 މަސް ދުވަހަށް އެލަވަންސްއެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި އޭޕްރީލް މަހުން ފެށިގެން އެ އެލަވަންސް ދެއްވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
މިހާރު ވަޒީފާ ގެއްލެމުންދާ ފަރާތްތައް ޖޮބް ސެންޓަރުގައި ރަޖިސްޓާވަމުން ގެންދިއުމަށް އަމީރު ވިދާޅުވިއެވެ. އަދި 3 މަހުގެ އެލަވަންސެއް މި މަހުން ފެށިގެން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އަމީރު ވިދާޅުވި ނަމަވެސް އެލަވަންސްގެ ގޮތުގައި ދޭން ނިންމާފައި ވަނީ ކިހާވަރެއް ކަން ހާމައެއް ނުކުރައްވައެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ މުވައްޒަފުންނާއި އެނޫންވެސް ދާއިރާތަކަށް ސަޕޯޓު ކުރުމަށް ސަރުކާރުން ސްޓިމިއުލަސް ޕެކޭޖު އެކުލަވާލުމުގެ ބޭނުމަކީ މިހާރު ރާއްޖެ އޮތް ހާލަތާ ގުޅިގެން ގެއްލުންވާ ފަރާތްތަކަށް އެހީތެރިވުން ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި މިހާރުވެސް ގިނަ ވިޔަފާރިތަކަށް ގެއްލުންވަމުން އަންނާތީއާއި ގިނަ އަދަދެއްގެ މީހުންގެ ވަޒީފާތައް ގެއްލޭތީ އެކަމުގެ ކަންބޮޑުވުން އެމީހުން އަންނަނީ ފާޅުކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 50 ރިސޯޓު ބަންދުކޮށްފައި ވާއިރު 11،000 އެއްހާ މުވައްޒަފުން ވަނީ މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދީ ފޮނުވާލާފައެވެ. ހަމައެއާއެކު ދާދި ފަހުން ސަފާރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ވަނީ އެމީހުންގެ ވަޒީފާ ގެއްލޭނެ ކަމުގެ ބިރު އޮތުމާއެކު އެ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާވެސް ކޮށްފައެވެ.
މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިގްތިސޯދީ މަސައްކަތްތަކަށް ވަނީ ހީނަރުކަމެއް އައިސްފައެވެ. ވަޒީފާތައް ދެމެހެއްޓުމުގެ މަގުސަދުގައި ވިޔަފާރިތަކަށް ކޭޝް ފްލޯ ފައިނޭންސިން ސްކީމްތައް ފަހިކޮށް ދިނުމާއި އެހެނިހެން ފިޔަވަޅުތައް އަޅާ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި އިގްތިސޯދީ ހާލަތު އާންމު ހާލަތަށް ގެނައުމަށް ސަރުކާރުން އިސްނަގައިގެން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.