ޕީއެސްއައިޕީ އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓާ ކުރިއަށް ގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިބްރާހިމް އަމިރު ވިދާޅުވީ ކޮވިޑް19ގެ ހާލަތުގައިވެސް ޕީއެސްއައިޕީ ޕްރޮޖެކްޓުތައް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓަރު މިހެން ވިދާޅޫވެފައިވާއިރު މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް އަމީރު ވަނީ ސަރުކާރުގެ ޕީއެސްއައިޕީ ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި އަމީރު ވިދާޅުވެފައި ވަނީ ޕީއެސްއައިޕީގެ ތެރެއިން މިއަހަރު 10.4 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެތެރެއިން ފޮރިން ފައިނޭންސް ޕްރޮޖެކްޓު ތަކުގެ މަސައްކަތް ހަލުވިކޮށް ދިވެހި ކޮންޓެރެކްޓަރުންނަށް ހަވާލުކޮށް، ވިޔަފާރިތަކަށް ލިބެން ހުރި އާމްދަނީވެސް ވީހާވެސް އަވަހަކަށް ލިބޭނެ މަގު ފަހިކޮށްދީ، އިގްތިސާދުގައި ދައުރުވާ ފައިސާގެ މިންވަރު އިތުރުކުރުމަށް ފިޔަވަޅުތައް އެޅޭނެ ކަމަށެވެ.
ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތަށް ދިވެހި ކޮންޓްރެކްޓަރުން އިސްކަން ދެވޭނެ ގޮތަކަށް ބައްޓަން ކުރަމުންދާނެ ކަމަށާއި ބޭރުގެ އެހީ ދޭ ފަރާތްތަކާއި މިހާރު މަޝްވަރާ ކުރަމުންދާ ކަމަށްވެސް އެ ބައްދަލު ވުމުގައި އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރަމުން ދާތީ ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފް ކޮށްފައެވެ.