ކޮވިޑް-19އާ ގުޅިގެން ފުލުހުންގެ ހެލްތް އެންޑް ސޭފްޓީ ޓާސްކްފޯހެއް ގާއިމްކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގައި، އެ ސާވިސްގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މިއަދުން ފެށިގެން މުޅި މުއައްސަސާގެ ހުރިހާ ޑައިރެކްޓަރޭޓްތައް ތަމްސީލު ކުރެވޭގޮތަށް ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމާށެވެ. ފުލުހުން ބުނީ، މި ޓާސްކްފޯސްތައް އެކުލަވާލެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކަމަށެވެ.
ފުލުހުން ބުނީ، މި ޓާސްކްފޯހުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ، ދެއްވާ އިރުޝާދުތަކާ ގުޅިގެން ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ފުލުހުންގެ މަސައްކަތަށް ގެނެސްްފައިވާ ބަދަލުތަކާއި ކުރިއަށް އޮތްތަނުގައިވެސް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަންކަން ތަންފީޒުކުރުމަކީ ވެސް މި ޓާސްކްފޯހުގެ މަގްސަދެއް ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ތަހުގީގު ކުރުމުގެ އުސޫލު" އެކުލަވާލުމަށްފަހު ޕޮލިސް ކޮމިޝަަނާ ވަނީ ފުލުހުންނަށް މި އުސޫލު އާންމު ކުރައްވާފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަންގާ ކަންކަން ތަންފީޒު ކުރުމުގައި ފުލުހުން އަމަލުކުރަންވީ ގޮތުގެ އުސޫލާއި" މިދިޔަ މަހުގެ 19 ވަނަ ދުވަހު އަދި "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގައި، ގައިންގަޔަށް ފަސޭހަކަމާއެކު އަރާ ބައްޔެއް ފެތުރެމުންދާ ވަގުތެއްގައި ޕޮލިސް ކަސްޓަޑީ އިން އަމަލުކުރާނެ ގޮތުގެ އުސޫލު" މިދިޔަ މަހުގެ 23 ވަނަ ދުވަހު ޕޮލިސް ކޮމިޝަނާ ވަނީ އާންމު ކުރައްވާފައެވެ.