ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން މިމަހު 12 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަތުގެ ހާލަތު އިއުލާންކޮށް، ސަރުކާރުގެ އިދާރާތައް ވެސް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިހާލަތު ދިގުދެމިގެންދިއުމުގެ ފުރުސަތު އޮތްއިރު، ޖޭއެސްސީގެ މަސައްކަތް މެދުނުކެނޑޭނެގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޖޭއެސްސީން ބުނީ، އާންމު ފަރާތްތަކުން އެ ކޮމިޝަނާސް ފޮނުނަްޖެހޭ ލިއުންތައް އެ ކޮމިޝަނުގެ މެއިލް، ([email protected]) އަށް ފޮނުވުމުން ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ސައުލަތުގެ އެކި އެކި މުއައްސަސާތަކުން ޖެމްސް މެދުވެރިކޮށް ފޮނުވާ ލިޔެކިއުންތަކާއި އެހެނިހެން އިލެކްޓްރޯނިކް ޒަރިއްޔާއިން ކޮމިޝަނަށް ފޮނުއްވާ ލިޔެކިއުންތައް ވެސް ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ، އެ ކޮމިޝަނަށް ގުޅަން ބޭނުންވާ ފަރާތްތަކުން އެ ކޮމިޝަނުގެ ނަމްބަރު (7821400) އަށް ބޭނުންވާ ހިދުމަތެއް އެސްއެމްއެސް ކޮށްލައިގެން ކުރިއަށް ގެންދާނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. ޖޭއެސްސީން ބުނީ، އެސްއެމްއެސް ކުރަ ފަރާތްތަކުން އީމެއިލްއެޑްރެހާއި ނަން އެސްއެމްއެސް ކުރުމުން، ޖެހިގެން އަންނަ ދުވަހުގެ 3:00ގެ ކުރިން އެ ކޮމިޝަނުން އެ ފަރާތަކަށް ގުޅާނެ ކަމަށެވެ.