ހުޅުމާލޭގައޮ މަގުމަތިން ދިޔަ މީހެއްގެ ދަބަސް ފޭރެން އުޅުނު ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރޭ 22:55 ހާއިރު ހުޅުމާލޭ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ހުޅުމާލެ ސްޕައިސް ކެފޭ ކައިރިން ޗައިނާ އަންހެނެއްގެ ދަބަސް ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ފޭރެން މަސައްކަތް ކުރި މީހާއަށް ޗައިނާ އަންހެން މީހާގެ އަތުން ދަބަސް އަތުލެވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ޗައިނާ އަންހެން މީހާގެ އަތުން ދަބަސް ފޭރެން އުޅުމުގެ ތެރޭގައި އަންހެން މީހާގެ ކަނާތު ކަކޫ މަށައިގެންގޮސް، އަދި ކަނާއަތުގެ އުޅަނބޮށިން ހަންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، މިފަހަކަށް އައިސް ފޭރުމާއި ވައްކަމުގެ މައްސަލަތައް ގިނަކަމަށާއި ވަކިން މާލެ ސިޓީގައި ފޭރުން ފަދަ މައްސަލަތައް ގިނަ ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖޭގައި ވައްކަމާއި ފޭރުން ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާއިރު، މިދިޔަ މަހުގެ 8 ވަނަ ދުވަހު އައްޑޫ ސިޓީގާއި ހުންނަ ކޮކާކޯލާ އޮފީސް ފަޅާލައި، ގިނަ އަދަދެއްގެ ފައިސާތަކެއް ވަނީ ވަގަށް ނަގައިފައެވެ.