މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.5 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މިހާތަނުގައި ދައުލަތަށް 5.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެހެން ކަމުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އަކީ މިދިޔަ އަހަރުގެ މިހާތަނާއި އަޅާ ބަލާއިރު ލިބުނު އާމްދަނީ އަށްވުރެ 1.3 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް މިއަހަރު ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ. އެގޮތުން ދައުލަތަށް ލިބުނު އާމްދަނީގެ 86 ޕަސެންޓު ހިއްސާ ކުރަނީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީ އަކީ 14 ޕަސެންޓެވެ.
ޓެކްސްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް 3.94 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން އާންމުދަނީ އަކީ 631.7 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މިހާތަނުގައި ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ. ޓެކްސް ނޫން ގޮތް ގޮތުން 1.16 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތަށް އާމްދަނީ ވަދެފައިވާ ބައެއް ދާއިރާތައް މިދިޔަ އަހަރުގެ މިހާތަނަށްވުރެ ރަނގަޅުވެފައިވެސް އެބަހުއްޓެވެ. އެގޮތުން ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްއިން ދައުލަތަށް ވަނީ މިދިޔަ އަހަރަށް ވުރެ ގިނައިން މިއަހަރުގެ މިހާތަނުގައި އާމްދަނީ ލިބިފައެވެ. 1.129 ބިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ލިބުނުއިރު މިދިޔަ އަހަރުގެ މިހާތަނަށް ލިބުނީ 1.101 ބިލިއަން ރުފިޔާއެވެ. ބީޕީޓިގެ ގޮތުގައި ލިބުނު ވަރުވެސް މިދިޔަ އަހަރަށް ވުރެ ގިނަކަން ފާހަގަ ކޮށްލެވެއެވެ. މިދިޔަ އަހަރުގެ މިހާތަނަށް ދައުލަތަށް ބީޕީޓީން ލިބުނީ 869.4 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ 12 ވަނަ ހަފްތާއާ ހަމައަށް އައިއިރު ބީޕީޓީން ވަނީ 918.8 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ.
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީތަކުގެ ތެރެއިން ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ މިހާތަނަށް ޖީއެސްޓީގެ ގޮތުގައި ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނު އިރު، މިއަހަރުގެ މިހާތަނަށް ލިބުނީ 1.8 ބިލިއަން ރުފިޔާއެވެ. ޓީޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ލިބުނު ނަމަވެސް މިއަހަރުގެ މިހާތަނަށް ލިބިފައިވަނީ 1.24 ބިލިއަން ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިއަހަރު ލިބިގެން ދިޔައީ 205.6 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ 12 ވަނަ ހަފްތާއާ ހަމައަށް އައިރު 214 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ދައުލަތަށް މިދިޔަ އަހަރު ބޮޑު އާމްދަނީއެއް އަހަރުގެ މިހާތަނަށް ލިބުނެވެ. އެގޮތުން މިދިޔަ އަހަރު ލިބުނީ 192.4 މިލިއަން ރުފިޔާއެވެ. މިއަހަރު ލިބުނީ 172.5 މިލިއަން ރުފިޔާއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް 174.2 މިލިއަން ލިބުނު އިރު މިދިޔަ އަހަރުގެ މިހާތަނަށް ދައުލަތަށް އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި ލިބުނީ 194 މިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް ދައުލަތަށް އެހީގެ ގޮތުގައި ލިބިފައިވަނީ ވެސް ކުރީ އަހަރުގެ މިހާތަނާއި އަޅާ ބަލާއިރު ކުޑަ އަދަދެކެވެ. އެއީ 21.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މިހާތަނަށް 439.7 މިލިއަން ރުފިޔާ ދައުލަތަށް އެހީގެ ގޮތުގައި ލިބިފައިވެއެވެ.
މިހާ ބޮޑު އަދަދަކަށް ދައުލަތަށް ވަންނަ އާމްދަނީ ދަށަށް ގޮސްފައި މިވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް ބޮޑު ހީނަރު ކަމެއް އައުމުގެ ސަބަބުންނެވެ.