މި މަހުގެ 14ވަނަ ދުވަހުގެ ފަހުން އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވާ އެންމެން ކަރަންޓީން ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމަލު ކުރައްވާނެ ކަމަށާއި ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ނަޝީދު ހުންނެވީ ތައްޔާރަށް ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ނަޝީދު ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުން 14 ވަނަ ދުވަހަށް އަމިއްލުފުޅު ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. މަޖިލީހުގެ އިދާރާއިން ބުނީ އެމަނިކުފާނު އެ ދަތުރުފުޅު ކުރެއްވިއިރު، ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އަންނަ ހުރިހާ ފަރާތްތައް ކޮވިޑް19 އަށް ޓެސްޓު ކުރުން ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން ނިންމާފައި ނުވާ ކަމަށެވެ. މީގެއިތުރުން އިނގިރޭސިވިލާތާއި ގުޅޭ ގޮތުން އެފަދަ ޓްރެވެލް އެޑްވައިޒަރީއެއް ނެރުއްވާފައިނުވާ ކަމަށްވެސް މަޖިލީހުން ބުނެއެވެ.

"އެހެން ނަމަވެސް ރައީސް ނަޝީދު ހުންނެވީ އެޗްޕީއޭ އިން އެދިވަޑައިގެންނެވިގޮތައް އަމަލު ކުރެއްވުމަށް ތައްޔާރަށް،" މަޖިލީހުން ބުނެއެވެ.

މަޖިލީހުން މިފަދައިން ބުނެފައި މިވަނީ މިފަހުން ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ތިން މީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެއައި ތިން މީހުންނަށް ވާތީ، ބަލަންޖެހޭ ކަންކަން ބެލުމަށް ސަރުކާރުން ނިންމާފައިވުމާއި ގުޅިގެންނެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އިނގިރޭސި ވިލާތުން ރާއްޖެ އައި މީހުންގެ ތެރެއިން މިމަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހާ ދެމެދު ރާއްޖެ އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވީ މީހުން ކޮވިޑް 19 އަށް ޓެސްޓުކުރަން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޫކޭއަށް ޒިޔާރާތްކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގަތީ މި މަހުގެ 15ގައި ކަމަށްވާތީ އެމަނިކުފާނުވެސް އެ ޓެސްޓު ކުރައްވާނެތޯ "ދަޕްރެސް" އިން ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ އެ މުއްދަތުގައި ރާއްޖެ އައި ހުރިހާ އެންމެން އެ ބައްޔަށް ޓެސްޓު ކުރާނެ ކަމަށެވެ.

ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ، އެމަނިކުފާނާއި، އަނބިކަނބަލުން ލައިލާ އަލީގެ ކައިވެނިފުޅަށް 26 އަހަރު ފުރުން ފާހަގަ ކުރެއްވުމަށެވެ.