މާލެ ސަރަހައްދުގައި ރޭގަނޑުގެ ވަގުތުތަކުގައި ހިންގާ އިމާރާތްކުރުމުގެ މަސައްކަތް މެދުކަނޑާލަން އަންގައިފިއެވެ.

މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މާލޭ އާއި، ވިލިމާލެއާއި، ހުޅުމާލޭގައި، ހިންގަމުންދާ އިމާރާތްކުރުމުގެ މަސައްކަތްތް ހަވީރު 5:00 އިން ފެށިގެން ހެނދުނު 6:00 އަށް މެދުކަނޑާލަން ޖެހޭނެ ކަމަށެވެ. އަދި މިގޮތަށް އަމަލުކުރަން ޖެހޭނީ މާދަމާ މެންދުރު 12:00 ގެ ފެށިގެން ވަކި ގޮތެއް އަންގަންދެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިފަދައިން އަންގާފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައި އާއްމު ސިއްހަތުގެ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި އެންގުމުގައިވާ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް ތަބާވުމަށްވަނީ އިލްތިމާސް ކޮށްފައެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކަށް ކިޔަމަން ނުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅިގެންދާނެއެވެ.

މާލެ ސަރަހައްދުގައި ރޭގަނޑު އިމާރާތްކުރުން މަނާކޮށްފައިވާއިރު، މާދަމާއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ތިން ގަޑިއިރަށް މީހުން މަގުމައްޗަށް ނިކުމެ އުޅުމާއި އުޅަނދުތައް ދުއްވުންވެސް ވަނީ މަނާ ކޮށްފައެވެ. ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާ ގުޅިގެން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރުން ވަނީ މިދިޔަ މަހުގެ 12ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފައެވެ. އަދި ސަރުކާރުވެސް ތިން ހަފްތާއަށް ބަންދުކޮށް ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައް ވެސް ވަނީ ތިން ހަފްތާއަށް ބަންދު ކޮށްފައެވެ.