ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ފަރުވާ ހޯދުމަށް އެކި ގައުމުތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޖަޕާނުގައި ބޭނުން ކުރި ޑްރަގެއް ޓެސްޓުކޮށް އެކަމާ ގުޅޭ ދިރާސާތައް ކުރިއަށް ގެންދިއުމަށް ސްރީލަންކާގެ ތަޖުރިބާކާރުން ތައްޔާރުވެއްޖެއެވެ.

ސްރީލަންކާގެ ސްޓޭޓް ފާމަސޫޓިކަލް ކޯޕަރޭޝަން (އެސްޕީސޯ)ގެ ޗެއާމަން ޑރ ޕްރަސައްނާ ގުނަސޭނާ ވިދާޅުވީ، މި ދިރާސާ ކުރިއަށްދާނީ ސްރީލަންކާގެ ނޭޝަނަލް ޑްރަގް ރެގިއުލޭޓަރީ ކޮމިޝަނާ ކޯޑިނޭޓްކޮށްގެންކަމަށެވެ.

މި ދިރާސާއަށް ބޭނުންކުރާ ޑްރަގަކީ ކޮވިޑް-19އަށް ފަރުވާ ކުރުމަށް ޖަޕާނުގައި ބޭނުންކުރި، ނަތީޖާ ނެރެވޭ ޑްރަގެއް ކަމަށް ބުނާއިރު، މި ޑްރަގްގެ ޝިޕްމަންޓެއް އިއްޔެގެ ވަގުތެއްގައި ސްރީލަންކާއަށް ބަނދަރުކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

ކަންމިހެން އޮތްއިރު، މި ޑްރަގަކީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ޓެސްޓުކުރެވިދާނެ ބޭހެއް ކަން އަދި ޔަގީން ނުވާކަމަށާ، މި ޑްރަގަކީ އަދިވެސް ތަހުލީލީ މަރުހަލާގައި އޮތް ޑްރަގެއްކަން ޑރ ގުނަސޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޖަޕާނުގެ ސިއްހަތާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ އެވިގަން ނަމަކަށް ކިއާ ބޭހެއް، ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ކުރުމަށް ބޭނުންކުރުމަށް ސަރުކާރުން ވިސްނަމުންދާކަން ހާމަކުރައްވާފައެވެ. އޭގެ މަހެއްހާ ދުވަސްފަހުން މި ބޭހުގެ ސަބަބުން އެދެވޭ ނަތީޖާތަކެއް ޕޭޝަންޓުންގެ ކިބައިން ފެންނަން ފެށިކަމަށް ބައިނަލްއަގުވާމީ މީޑިއާއާއި ހަވާލާދީ ލަންކާ މީޑިއާއިންވަނީ ރިޕޯޓްކޮށްފައެވެ.

ސްރީލަންކާއިން މިއަދުވެސް 7 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު އެގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު މިހަރު ވަނީ 129 އަށް އަރާފައެވެ. މީގެ ތެރެއިން 16 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ. މި ބަލީގައި ސްރީލަންކާއިން ވަނީ 2 މީހެއްގެ ފުރާނަ ގެއްލިގެން ރިޕޯޓްކޮށްފައެވެ.