މެދުއިރުމަތީގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އީރާނުގައި ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި، 3111 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ވާކަމަށް އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ކިއާނޫޝް ޖަހާންޕޫރު ވިދާޅުވެއްޖެއެވެ.

ގައުމީ ޓީވީ މެދުވެރިކުރައްވާ ވާހަކަ ދައްކަވަމުން ޖަހާންޕޫރު ވިދާޅުވީ، އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިހާރު 44606 އަށް އަރާފައިވާކަމަށެވެ. ފާއިތުވީ 24 ގަޑިއިރު ތެރޭގައި 141 މީހަކު މި ބަލީގައި މަރުވެފައި ވާކަމަށާ، މިއާއެކު އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު 2898 އަށް އަރާފައި ވާކަމަށް ވެސް ޖަހާންޕޫރު ވަނީ ހާމަކުރައްވާފައެވެ.

އީރާނުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 14656 މީހަކު ފަރުވާ ހޯދައިގެން ހޮސްޕިޓަލުތަކުން ދޫކޮށްލާފައި ވާއިރު، އިތުރު 3703 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށް ވެސް ޖަހާންޕޫރު ވަނީ ހާމަކުރައްވާފައެވެ. މި މީހުންގެ ހާލު ކްރިޓިކަލް ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އީރާނުން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭހެއް ފެނިގެން އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައި ވަނީ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުއެވެ.