ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދަނިކޮށް، އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމަށް ފަހު އެނބުރި ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮވިޑް-19 އަށް ޓެސްޓު ނުކުރާކަން ހާމަވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާ ގުޅިގެން ނަޝީދު ވިދާޅުވީ، ޔޫކޭއަށް ވަޑައިގެންނެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ، މިމަހު 15 ވަނަ ދުވަހު ކަމަށެވެ. އަދި ރާއްޖެ ވަޑައިގެންނެވީ، ޔޫކޭއިން އަންނަ މީހުން ކަރަންޓީނު ކުރުމަށް އެޗްޕީއޭގެ ފަރާތުން ނާންގަނީސް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ، ޔޫކޭއިން ވަޑައިގަތުމަށް ފަހު، ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާތީ ޑޮކްޓަރެއްގެ ލަފާ ހޯއްދަވާފައި ނުވާ ކަމަށެވެ. އަދި ވަޑައިގެންނެވުމަށް ފަހު ގޭގައި ހުންނެވި ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިމަހު 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް، ރައީސް މުހައްމަދު ނަޝީދު އިންނަވާ ލައިވް ސްޓްރީމްގެ ސްކްރީންޝޮޓެއް

ޔޫކޭއިން ވަޑައިގެންނެވުމަށް ފަހު އައިއޮލޭޝަން (ގައިދުރުކަން) ގެންގުޅުއްވި ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު، މިމަހު 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ވެސް އިންނެވީ އެމަނިކުފާނެވެ.

ނަޝީދު ޔޫކޭއަށް ވަޑައިގެންނެވީ، އެމަނިކުފާނާއި، ލައިލާގެ ކައިވެންނަށް 26 އަހަރު ފުރުން ފާހަގަ ކުރެއްވުމަށެވެ. ނަޝީދާއި ލައިލާގެ ކައިވެންޏަށް އަހަރު ފުރޭ ދުވަހަކީ މާޗު މަހުގެ 13 ވަނަ ދުވަހެވެ.

ޔޫކޭއިން ރާއްޖެއަށް މީހުން އައުން ވަގުތީގޮތުން މެދުކަނޑާލާފައި ވަނީ މިމަހު 19 ވަނަ ދުވަހެވެ. ނަމަވެސް ޔޫކޭގައި ތިބި ދިވެހިން ރާއްޖެ އައުމުގެ ހުއްދަ އޭރުވެސް އޮތްއިރު، އެ ދިވެހިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރުމަށް އެޗްޕީއޭން ވަނީ އަންގާފައެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނު ކުރުމަށް އެޗްޕީއޭއިން ނިންމާފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން އަމަލު ކުރަމުންދާ ރައްކާތެރިކަމުގެ އުސޫލުގެ ދަށުންނެވެ. އެގޮތުން މިހާތަނަށް ޔޫކޭއިން ރާއްޖެއައި 3 ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.