ކާގޯ ފެލައިޓުތައް މެދުވެރިކޮށް ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކެެއާ ޕެކޭޖުތައް ފޮނުވުމާ ބެހޭ އުސޫލު އާންމުކޮށްފިއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑް-19އާ ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިވެފައިވާ ކަމަށެވެ. އަދި މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްރީލަންކާއަށް މޯލްޑިވިއަނުން ކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓުތަކުގައި އާއިލާތަކަށް ހިލޭ ކެއާ ޕެކޭޖު ފޮނުވައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ލަންކާއަށް ކާގޯ ފްލައިޓް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފޯމުގައި، ފޮނުވާ ފަރާތް އަދި ލިބެންވީ ފަރާތުގެ މައުލޫމާތު ފޮރިން މިނިސްޓްރީން ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކެއާ ޕެކޭޖު ފޮނުވުމާބެހޭ އުސޫލު:

  • ކާގޯގެ ގޮތުގައި ފޮނުވެނީ ލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެން ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެތި
  • ކޮންމެ އާއިލާއަކަށް ފޮނުވޭނީ ގިނަވެގެން 15 ކިލޯގެ ތަކެތި
  • ކާގޯގެ ގޮތުގައި، ބޭސް (ބޭސްސިޓީއާއެކު)، މަސްދަޅު ކޭސް، ނޫޑްލިސް ކޭސް، މަސް/ފަތް ޕެކެޓު ( ފިހާރަތަކުން ވިއްކާ ޕެކެޓުކޮށް ބަންދުކުރެވިފައިވާ ތަކެތި އަދި ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • ފައިސާ، ރޯމަސް، ކޭކު، ހެދިކާ، މޭވާ އަދި ތަރުކާރީ ކާގޯގެ ގޮތުގައި ނުފޮނުވޭނެ

ފޮރިން މިނިސްޓްރީން ބުނީ، މިކަމުގައި ހުށަހަޅަންޖެހޭ ފޯމު، ކޮންމެ ބުރާސްފަތި ދުވަހެއްގެ ކުރިން ފުރިހަމަކޮށް، އޮންލައިންކޮށް ހުށަހަޅަން ޖެހޭ ކަމަށެވެ. އެ މިނިސްޓްރީން ބުނީ، ތަކެތި ގެންނަންވާނީ މޯލްޑިވްސް ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީން ބެލުމަށްފަހު ޕެކްކޮށްފައިވާ ފޮށިގަނޑެއްގައި އެޕްރޫވް ފޯމާއެކު ކަމަށެވެ.

މިތަކެެި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ގްރޭޓާ މާލެ ބަސް ސްޓޭޝަނުގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކާގޯގެ ގޮތުގައި ގެންދެވޭނީ ވަކި އަދަދެއް ކަމުން، ފޯމް ހުށަހަޅާ ތަރުތީބަށް އިސްކަން ދޭނެ ކަމަށެވެ. އަދި ފޯމުގައިވާ މައުލޫމާތަށް ބިނާކޮށް ތަކެތި ލޭބަކް ކުރާއިރު، ލަންކާގެ ހައި ކޮމިޝަނުން މި ތަކެއްޗާއި ހަވަލުވެ، ލިބެންވީ ފަރާތަށް ރައްދުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.