ކޮވިޑް-19އާ ގުޅިގެން ތެރަޕީގެ ހިދުމަތްތައް ފޯނު މެދުވެރިކޮށް ދޭން ފަށައިފިއެވެ.

ކޮވިޑް-19ގެ އެންމެ ފަހުން މައުލޫމާތުތައް ހިއްސާ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ސެންޓާ ފޯ މެންޓަލް ހެލްތުން ފޯނު މެދުވެރިކޮށް ނަފްސާނީ ބަލިތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ފޯނު މެދުވެރިކޮށް އައިޖީއެމްއެޗުގައި ހުންނަ ސެންޓާ ފޯ މެންޓަލް ހެލްތުން ހިދުމަތް ދޭން ހަމަޖެހިފައިވަ ގަޑިއަކީ ހެނދުނު 9 އިން ފެށިގެން މެންދުރު 2 ޖަހާއިރަށް ކަމަށެވެ. އަދި މި ހިދުމަތް ހޯދުމަށް ގުޅަން ޖެހޭ ނަންބަރަކީ، 3325245 އަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މީގެ އިތުރުން، ބޭސް ސިޓީތައް ވެސް އާ ކޮށްދޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، އެ ސެންޓަރުން ހިދުމަތް ހޯދުމަށްޓަކައި، އެ ސެންޓަރަށް ގުޅާ ތެރަޕީއަށް ރިކުއެސްޓް ކުރަން ޖެހެއެވެ. އަދި ތެރަޕީ ސެޝަން ކުރިއަށް ގެންދާނީ ފޯނުންތޯ ނުވަތަ، ފޭސްޓުފޭސް ކޮށްތޯ ޕޭޝަންޓަށް ހިޔާރު ކުރެވޭނެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 17 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.