ނިއު ޕޯޓް ވިއު ހިންގި ބިން ސަރުކާރާ ހަވާލުކުރަން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

ނިއު ޕޯޓް ވިއު ހިންގި ބިމުގެ ކުއްޔަށް 1.1 މިލިއަން ރުފިޔާ ދެއްކުމަށާއި 15 ދުވަސް ތެރޭގައި އެ ބިން ސަރުކާރާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް އެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން ސްޓްރާޑާ ކުންފުނިން ވަނީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކޮށްފައެވެ.

ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލަ ނިމެންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން ސްޓްރާޑާ ކުންފުނިން އެދިފައި ވެއެވެ. އެހެން ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.

ދާދި ފަހުން ޕްލޭނިން މިނިސްޓްރީން ވަނީ ނިއު ޕޯޓްގައި ތަޅު އަޅުވައިފައެވެ. އިސްތިއުނާފް މައްސަލަ ނުނިމެނީސް، ސަރުކާރުން އެގޮތަށް އަމަލު ކޮށްފައިވާތީ އެކަމާ ގުޅިގެން ސްޓްރާޑާ ކުންފުނިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނިއު ޕޯޓް ހިންގި ބިމުގައި ރެސްޓޯރެންޓެއް އެޅުމަށާއި ފުޓްސަލް ދަނޑެއްގެ އިތުރުން ބްރިޖް ބަލަން ތިބޭނެ ޕްލެޓް ފޯމެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ 2016 ވަނަ އަހަރުގައެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ. ނަަމަވެސް ވެރިކަން ބަދުލުވުމާއި ޒާހިދު ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.