މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ލުއިތަކެއް ދޭން ނިންމައިފިކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އިމްޕޯޓަރުންނަށް ލުއިތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން މާލެ އާއި ހުޅުމަލޭގައި މުދާ ކުލެއާ ނުކުރެވިގެން އަރާ ޖޫރިމަނާ ނުވަތަ ޑެމަރޭޖް ފީ އަރާ ވަރު 20 އިންސައްތަ ދަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުޅުދުފުއްޓާއި އައްޑޫސިޓީ ހިދަތޫގައި ސްޓޯރޭޖްގެ ޑެމަރޭޖް ފީ 50 އިންސައްތަ ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެއިތުރުން މަބްރޫކް ވިދާޅުވީ ހިލޭ މުދާ ބެހެއްޓުމަށް ދެ ދުވަސް އިތުރު ކޮށްދީފައިވާ ކަމަށާއި، އަދި ބޮންޑެޑް ވެއާ ހައުސްތަކުގެ ލައިސަންސް ފީގެ 50 އިންސައްތަ ކުޑަ ކުރުމަށް އެމްޕީއެލްއިން ނިންމާފައިވާ ކަމަށެވެ.

އެމްޕީއެލްއިން ވިޔަފާރިވެރިންނަށް ލުއިތަކެއް ދީފައިވާއިރު އެ ކުންފުނިން ވަނީ ކޮވިޑް19 ގެ ސަބަބުން ދައުލަތަށް ގެއްލުންތައް ވަމުންދާތީ ގެ އިސްވެރިންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން ނިންމައިފައެވެ. އެގޮތުން ކޮވިޑް19 އާއި ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތު އުވާލަންދަން އެ ކުންފުނީގެ ބޯޑު މެންބަރުން ނާއި، ސީނިއާ އެގްޒެކެޓިވުންނާއި، އެޗްއޯޑީންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން ވަނީ މީގެކުރިން ބުނެފައެވެ.