ފުރަތަމަ ފަހަރަށް ވެބް ކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ކުރިއަށް ގެންދިޔައިރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ބޮޑު މޮހޮރާގައި ހުންނަވައިގެންނެއެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާ މިއަދު ބާއްވާފައި ވަނީ މައިކްރޮސޮފްޓް އޮފީސް ޓީމްސް މެދުވެރިކޮށް އޮންލައިން ކޮށެވެ. އެ ވެބް ކޮންފަރެންސް ޗެނަލްގައި 92 ބައިވެރިން ހިމެނޭއިރު، އެއީ މަޖިލީހުގައި ތިއްބަވާ 87 މެންބަރުންނާއި، މަޖިލީހުގެ ރައީސް އަދި މަޖިލިސް މަސައްކަތާ ގުޅޭ އިދާރީ މުވައްޒަފުންނެވެ. މި ކޮންފެރެންސުގައި މަޖިލީހުގެ މެންބަރުން ބައިވެރި ވެފައިވަނީ އޮންލައިންކޮށް އެފަރާތެއްގެ ގޭގައި ހުންނަވައިގެންނެވެ.
އެހެންނަމަވެސް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މި އޮންލައިން ކޮންފެރެންސް ކުރިއަށް ގެންދިޔައީ ބޮޑު މޮހޮރާގައި ހުންނަވައިގެންނެވެ. ޖާބިރު ވިދާޅުވީ، ކޮވިޑް19 އިން ރައްކާތެރިވެ ގައިދުރުވެ ތިބުމަށް އެމަނިކުފާނު ހުންނެވީ ބޮޑުމޮހޮރާގައި ކަމަށެވެ. އަދި ޖަޒީރާވަންތަ ކޮންސެޕްޓަކަށް ރާއްޖެ ބަދަލުވާއިރު، ލިބޭ ހިތްހަމަޖެހުމަކީ މިއަހަރުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާގައި ބޮޑޮ މޮހޮރާ ބީޗުން ޖަލްސާގައި ބައިވެރިވެ ވާހަކަ ދެއްކުން ކަމަށެވެ.
ވ. ބޮޑުމޮހޮރާ އަކީ ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި މެންބަރު އަބްދުﷲ ޖާބިރަށް ދިވެހި ސަރުކާރުން ހަވާލު ކުރި ރަށެކެވެ. މިރަށް ޖާބިރަށް ދީފައި ވަނީ 50 އަހަރަށެވެ. ސަރުކާރުން އޭނާއަށް ބޮޑުމޮހޮރާ ހަވާލުކުރީ 36 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.