ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ކެނެޑާއިން އެމެރިކާއަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ އިނގިރޭސިވިލާތުގެ އަމީރު ހެރީގެ ދެމަފިރިންގެ ސެކިއުރިޓީއަށް ހިނގާ ޚަރަދުތައް ފޫބައްދާދެވެން ނެތްކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްވިޓާއަށް އެންމެ 'ތިޔާގި' ލީޑަރުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާއަކީ އިނގިރޭސިންނާ ރާނީގެ ފޭންއެއް ކަމަށާ، ނަމަވެސް "އެމީހުން"ގެ ޚަރަދުތައް ހަމަޖައްސާނީ އެމީހުން ކަމަށެވެ.

ހެރީއާއި މޭގަންގެ ދެމަފިރިންވަނީ އެމެރިކާގެ އާންމު ފަންޑުން ސެކިއުރިޓީއަށް ހަރަދުކުރުމަށް ހުށަހަޅަންވެސް ވިސްނާފައި ނުވާކަމަށް ބުނެފައެވެ.

ޝާހީ އާއިލާގެ މަގާމުތަކާ ލަގަބުތައް ދޫކޮށް، އާންމު ރައްޔިތެއްގެ ގޮތުގައި ހެރީއާ މޭގަންގެ ކުޑަ އާއިލާ ދިރިއުޅެމުންދާއިރު، ޝާހީ ހައިސިއްޔަތު ދޫކޮށްލާ ރަސްމީ ތާރީހުގެ ސުންގަޑި ހަމަވާނީ މާޗް 31 ވަނަ ދުވަހަށެވެ. ނަމަވެސް މީގެ 1 އަހަރު ފަހުން އަދި މިކަން މުރާޖައާ ކުރާނެއެވެ.