ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވާ ބައެއް ޕޭޝަންޓުންނަށް ނޭވާލުމުގައި ދިމާވާ ދަތިތަކަށް ލުއެއް ހޯދާދީ، އިންޓެންސިވް ކެއާއަށް ދާން ނުޖެހި ފަސޭހައިން ނޭވާ ލެވޭ ފަދަ ޑިވައިސްއެއް، 1 ހަފުތާގެ ތެރޭގައި އުފައްދައިފިއެވެ.

ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ އިންޖިނޭރުންނާ، ޔުނިވާސިޓީ ކޮލެޖު ލަންޑަން ހޮސްޕިޓަލްސްގެ ކްލިނީޝަންސް އަދި މާސިޑީޒް ފޯމިއުލާ ވަން ޓީމު ގުޅިގެން އުފެއްދި މި ޑިވައިސްއަކީ ވެންޓިލޭޓަރަކާ ނުލާ ފުއްޕާމެއަށް އޮކްސިޖަން ފޮނުވާދޭ ޑިވައިސްއެކެވެ.

ކޮންޓިނުއަސް ޕޮޒިޓިވް އެއާވޭ ޕްރެޝާ (ސީޕެޕް)ގެ މި އާ ޑިވައިސްއަކީ ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ކުރުމަށް ބައެއް ހޮސްޕިޓަލުތަކުގައި މިހާރު ބޭނުން ކުރަން ފަށާފައިވާ ޑިވައިސްއެއްވެސްމެއެވެ. އިނގިރޭސިވިލާތުގެ އިތުރުން ޗައިނާއާއި އިޓަލީވިލާތުގައިވެސް ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ކުރުމަށް މި ޑިވައިސް ބޭނުން ކުރާކަމަށް ޚަބަރު ލިބެއެވެ.

މިހާރު ކުރިއަށް ދަނީ ތަހުލީލީ މަރުހަލާއެއްކަމުން، މިކަން ކާމިޔާބުވެއްޖެނަމަ، ދުވާލެއްގެ މައްޗަށް 1000 ޔުނިޓްގެ ސީޕެޕްގެ ޑިވައިސް އުފެއްދުމުގެ ގާބިލުކަން މާސިޑީޒް އޭއެމްޖީ-އެޗްޕީޕީއަށް ލިބިގެންވާކަމަށް ޚަބަރު ލިބެއެވެ.

އިނގިރޭސިވިލާތުގެ ދަ މެޑިސިންސް އެންޑް ހެލްތްކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީއިންވަނީ ސީޕެޕް ޑީވައިސް ބޭނުން ކުރުމަށްހުއްދަވެސް ދޫކޮށްފައެވެ.

ހާލުބޮޑޫ ބަލިމީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕިކްސަބޭ

ޔޫސީއެލް އިންސްޓިޓިއުޓް އޮފް ހެލްތްކެއާ އިންޖިނޭރިންގްގެ ޑައިރެކްޓަރެއް ކަމަށްވާ ޕްރޮފެސާ ރެބެކާ ޝިޕްލޭ ވިދާޅުވީ، މިފަދަ މެޑިކަލް ޑިވައިސްތަކަކީ އާންމު ގޮތެއްގައި އެތައް އަހަރަކުން ފަރުމާ ކުރާ ޑިވައިސްތަކެއް ކަމަށާ، ނަމަވެސް މިފަހަރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިކަން ކާމިޔާބު ކުރީ، މިހާރުވެސް ބޭނުންކުރަމުންދާ ޑިވައިސްއެއް ރިވާސް އިންޖިނޭރިންގް ޓެކްނޮލޮޖީގެ އުސޫލުން ފަރުމާކޮށްގެން ކަމަށެވެ.

ރިވާސް އިންޖިނޭރިންގް ޓެކްނޮލޮޖީއަކީ ޕޭޓަންޓްއެއް ނެތް ސީޕެޕް ޑިވައިސްއެއް ރޫޅާލައިގެން، އޭގެ ބައިތައް ނަކަލުކޮށް އިތުރު ފުރިހަމަ ބަދަލުތަކެއް ގެނައުމެވެ.

ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އިޓަލީވިލާތުގެ ލޮމްބާރްދިޔާ ސަރަހައްދުގެ ތަޖުރިބާއަށް ބަލާއިރު، ސީޕެޕްގެ އެހީގައި ފަރުވާ ދިން ޕޭޝަންޓުންގެ ތެރެއިން 50 ޕަސެންޓް ޕޭޝަންޓުންނަކީ އިންވޭސިވް މެކޭނިކަލް ވެންޓިލޭޝަންއަކަށް ދާން ނުޖެހި ސަލާމަތް ކުރެވުނު މީހުންނެވެ.

ޔޫސީއެލްއެޗްގެ ކްރިޓިކަލް ކެއާ ކޮންސަލްޓަންޓް ޕްރޮފެސާ މާވީން ސިނގާ ވިދާޅުވީ، އަލަށް ފަރުމާ ކުރެވުނު ސީޕެޕް ޑިވައިސްއަކީ އާދައިގެ އޮކްސިޖަން މާސްކްއަކާ، ބަލި މީހާ ހޭނައްތައިގެން ދެވޭ އިންވޭސިވް މެކޭނިކަލް ވެންޓިލޭޝަންއާއި ދެމެދަށް ފެތޭ ޑިވައިސްއެއް ކަމަށެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވަމުންދާ ވަރަކަށް، ވެންޓިލޭޓަރަށް އޮންނަ ޑިމާންޑްވެސް ދަނީ އިތުރުވަމުންނެވެ. ނަމަވެސް އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އެކަށީގެންވާ މިންވަރަށް ވެންޓިލޭޓަރު ލިބެން ނެތް މައްސަލައަކީ، ކޮވިޑް-19ގެ މެޑިކަލް ޓީމަށް ކުރިމަތިލާންޖެހިފައިވާ ބޮޑު ގޮންޖެހުމެކެވެ.