ކޮވިޑް19 ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނާތީ ސިއްހީ މާހިރުން އަންނަނީ އެއްވެސް މީހަކު މި ވަގުތު ގެއިން ބޭރަށް ނުނިކުތުމަށް ބުނަމުންނެވެ. އެހެންކަމުން ގޭގައި ތިބެގެން ކުރެވޭނެ ކަންތައްތައް ކަމަށް ބުނެ ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާއަށް ތަފާތު ކަންކަން ހިއްސާ ކުރަމުންނެވެ. އޭގެތެރެއިން އެންމެ ބޮޑަށް ވައިރަލް ވެގެން ގޮސްފައިވަނީ ސްޓޭ އެޓް ހޯމް ޗެލެންޖްއެވެ. މި ޗެލެންޖު ރާއްޖޭގައިވެސް ވަރަށް ބޮޑަށް ވަނީ ވައިގަ ހިފާފައެވެ.

މި ޗެލެންޖުގައި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބައިވެރިވެފައިވާ އިރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓަރު އަހުަމދު މަހުލޫފާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މި ޗެލެންޖުގައި ބައިވެރިވެވަަޑައިގެންފައެވެ. މި ޗެލެންޖުގައި ބައިވެރިވާ މީހަކު އެ ޗެލެންޖު ފުރިހަމަ ކުރުމަށްފަހު އެހެން މީހަކަށް ޗެލެންޖު ކުރަން ޖެހެއެވެ.

އެގޮތުން ރޭ ވަނީ މި ޗެލެންޖު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފުރިހަމަ ކުރައްވާފައެވެ. އެމަނިކުފާނު ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމް އެ ޗެލެންޖު ފުރިހަމަ ކުރެއްވުމަށެވެ. ރޭގެ ވަގުތެއްގައި އެ ޗެލެންޖު ނާއިބު ރައީސް ފުރިހަމަ ކުރެއްވިއިރު ނަޝީދު މި ޗެލެންޖު ފުރިހަމަ ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވީ މިއަދުއެވެ. ނަމަވެސް އެމަނިކުފާނަށް އެ ޗެލެންޖު ފުރިހަމަ ނުކުރެވި ފެއިލްވީއެވެ. ނަމަވެސް ޓޮއިލެޓް ޕޭޕަރުގައި ފައިން ޖައްސަވަން އުޅުއްވުމުގެ ތެރޭގައި ނަޝީދު ކައްސާލައިގެން ތަޅުންގަނޑު މައްޗަށް "ގުޅައަކަށް" ޖެހެއެވެ.

https://web.facebook.com/fuvahmula/videos/683178859140415/

ނަޝިދު ކައްސާލައިގެން ވެއްޓުން ވެގެން ދިޔައީ އެ ވީޑިއޯ ޓްވީޓްކޮށް ރީޓްވީޓް ކުރަށް ގިނަ ބަޔަކު ބޭނުންވި ސަބަބަކަށެވެ. އެއަށްވުރެ ބޮޑަށް ނަޝީދު ކައްސާލައިގެން ވެއްޓި ޖެހޭ ގޮތް ގިނަ ބަޔަކަށް ވީ "މަޖާގަނޑަކަށް" އެވެ. ކައްސާލައިގެން ނަޝީދު ވެއްޓުނު ގޮތަށް ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައި އުމުގެ ކޮންމެވެސް ހިސާބެއްގައި ގިނަބަޔަކު އެގޮތަށް ވެއްޓި "ގުޅައަކަށް" ޖެހިފައި ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ނުފޯރާ ފައިން އެއްޗެއްގައި ޖަހަން އުޅުނުމުން ވަރަށް ފަސޭހައިން "އެ ލޮޓި" ލިބޭނެއެވެ.

ނަޝީދު ވެއްޓޭ ވީޑިއޯ ސޯޝަލްމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކާއި އެކިއެކި އާއިލީ ވައިބާ ގްރޫޕުތަކުގައި ދަނީ ވައިރަލް ވަމުންނެވެ. ގޭގައި އެކުގައި ތިބެ "ހެސްކިޔާފަ" ހޭން ލިބުނު ރަނގަޅު ވީޑިއޯ ކްލިޕެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ޝެއާކުރަމުންނެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން އެތައް ގައުމެއްގެ ބަޔަކު ކަރަންޓީނުގައި ތިބި އިރު ތަފާތު ގޮތްގޮތަށް ގޭގައި ވަގުތު ހޭދަކޮށް އިޖުތިމާއީ ގައިދުރުކަމަށް ސިއްހީ މާހިރުން ކުރަމުން ދާ އިލްތިމާސް ތަކަށް އަންނަނީ އެއްބާރުލުން ދެމުންނެވެ. އެގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިން ގުޅިގެން އެންމެން ގޭ ބަންދުވުމުން ފޫހި ފިލުވުމަށް އެކަކު ފޯނުން އަނެކަކު ފޯނަށް "ބްރެއިން ގޭމްސް" ތަކެއް ފޮނުވާ، ގޭމް ކުޅުންވެސް ހިމެނެއެވެ. ރާއްޖޭގައި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ލަވަ ބާޒީވެސް ކުޅެމުންނެވެ.