އައިލެންޑް ސަފާރީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ 14 ވަނަ ދުވަހު ކަން ހާމަވެއްޖެއެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 ފެތުރެމުންދާއިރު، ރާއްޖޭގައި ވެސް ދަނީ މި ބައްޔަށް ޝައްކު ކުރެވޭ އެތައް ބަޔަކުފެނި، އޭގެ ތެރެއިން 17 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އެގޮތުން، ކޮވިޑް-19 އަށް ޕޮޒިޓިވް ދެ މީހަކު ރާއްޖެއިން ފުރިފަހުން، އެމީހުން ޕޮޒިޓިވްވެފައިވާ ކަން އެނގުމާ ގުޅިގެން ގިނަ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
އައިލެންޑް ސަފާރީ ނަމަކަށް ކިޔާ ސަފާރީއަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހަކު ފެނިފައިވާކަން ސަރުކަރުން ހާމަކޮށްފައި ވަނީ މިމަހު 13 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްޔަށް ޝައްކު ކުރެވޭ ދެ މީހަކު ސަފާރީން ފެނުމާއެކު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ، އެ ދެ މީހުން ސަފާރީގައި އެކަހެރި ކުރުމަށް އަންގާފައެވެ. މި ދެ މީހުން އެކަހެރި ކުރުމަށްފަހު، 14 ވަނަ ދުވަހު، ރެޕިޑް ރެސްޕޮންސް ޓީމުން މި މީހުންގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމަށްފަހު، މި ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގިފައިވަނީ މިމަހު 15 ވަނަ ދުވަހެވެ.
ސަފާރީން ބަޔަކު ޕޮޒިޓިވް ވުމާގުޅިގެން އެ ސަފާރީގައި ތިބި އެންމެން ވަނީ އައިސޮލޭޝަން ފެސިލިޓީއެއްގައި އައިސޮލޭޓްކޮށްފައެވެ. ނަމަވެސް، މި މީހުން އައިސޮލޭޓް ކުރިތާ 13 ދުވަސްވީއިރު، އަޑުއިވިގެން ދިޔަ ހަބަރަކީ، އައިސޮލޭޓް ކުރި މީހުންގެ ތެރެއިން 2 މީހަކު އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ، އައިލެންޑް ސަފާރީ މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ މިމަހު 13 ވަނަ ދުވަހު ކަމަށާއި، އެ ސަފާރީގައި ތިބި އިޓަލީ ދެ ފަތުރުވެރިން 27 ވަނަ ދުވަހު، ފުރައިގެން ގޮސްފައި ވަނީ 14 ދުވަހުގެ އައިސޮލޭޝަން މުއްދަތު ހަމަކޮށްފައި ކަމަށެވެ. ނަމަވެސް އައިލެންޑް ސަފާރީއަށް ސަރުކާރުން ފޮނުވި ލިޔުމުން ކަން ހިނގީ އެގޮތަށް ނޫންކަން ހާމަވެއެވެ.
އައިލެންޑް ސަފާރީއަށް ސަރުކާރުން ފޮނުވި ލިޔުމުގައި ވަނީ، 14 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް އައިލެންޑް ސަފާރީ ކަރަންޓީނު ކުރުމަށް އަންގާފައެވެ. މީގެ ކުރިން މީޑިއާއަށް ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސަފާރީ ކަރަންޓީނު ކުރުމަށް އަނގަބަހުން 13 ވަނަ ދުވަހު އަންގާ، 14 ވަނަ ދުވަހު ލިޔުމުން އަންގާފައިވާ ކަމަށްް ބުނެއެވެެ. ނަމަވެސް، މި ލިޔުމުން ހަމަވާގޮތުގައި، އެ ސަފާރީ ކަރަންޓީނު ކުރުމަށް އަންގާފައި ވަނީ 14 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެންނެވެ.
އައިސޮލޭޝަން މުއްދަތު ހަމަނުކޮށް 2 އިޓަލީ ފަތުރުވެރިޔަކު ފުރުވާލާފައި ވަނީ އެމީހުންގެ އައިސޮލޭޝަން މުއަދަތު ހަމަވުމުގެ 25 ގަޑިއިރު ކުރިންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ އިޓަލީ ފަތުރުވެރިން ފުރުވާލާފައި ވާއިރު، އެމީހުންނާއެކު، އިޓަލީއަށް ނިސްބަތްވާ އައިލެންޑް ސަފާރީގެ 3 ކްރޫއަކާއި، 10 ގެސްޓުން ވަނީ ފުރުވާލާފައެވެ. އެހެން ކަމުން، އައިލެންޑް ސަފާރީގައި ތިބި ޖުމްލަ 15 މީހަކު ވަނީ ހުކުރު ދުވަހު އިޓަލީއަށް ފުރުވާލާފައެވެ.