ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކާ ކޮންޓެކްޓު ވުމުން އައްޑޫ ސިޓީން ބައެއް މީހުން އެކަހެރިކޮށްފިއެވެ.

"ދަ ޕްރެސް" އަށް ކޮވިޑް-19، ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ އައްޑޫއިން އައިސޮލޭޝަންނަށް ބަޔަކު ގެންގޮސްފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫއިން އައިސޮލޭޓް ކޮށްފައި ވަނީ ކޮވިޑް-19 ފެތުރެމުންދާ ގައުމަކަށް ދަތުރު ކޮށްފައިވާ މީހެކެވެ. އެ މީހާ ރާއްޖެ އައިތާ 14 ދުވަސް ނުވާ ކަމަށާއި އެ މީހާ ރޭ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިއުމުން އޭނާ ބެލި ޑޮކްޓަރާއި އެ ހޮސްޕިޓަލްގެ ދެ ނަރުހުން ތިބީ އައިސޮލޭޝަންގައި ކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރޭ ދަންވަރު ޑޮކްޓަރަށް ދައްކަން ގޮސަފައި ވަނީ ރޯގާގެ އަލާމާތްތަކެއް ހުރެގެންނެވެ.

އައްޑޫއިން ބަޔަކު އައިސޮލޭޝަންގައި ތިބިއިރު، ވެރިރައް މާލޭގައި ހޯމް ކަރަންޓީނުގައި 44 މީހަކާއި ހޯމް އައިސޮލޭޝަންގައި 17 މީހެއް އެބަ ތިބެވެ. އޭގެ ތެރޭގައި 74 ދިވެހިން ހިމެނެއެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތައް ބަލާއިރު، މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 17 ފަރާތެކެވެ. އެއީ 15 ބިދޭސީންނާއި 2 ދިވެއްސެކެވެ. ރާއްޖޭގައި މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 11 މީހަކު ވަނީ ރަނަގަޅު ވެފައެވެ. އަދި އޭގެތެރެއިން 2 ބިދޭސީއަކު ވަނީ ބަލި ޖެހިފައި ހުރެ އިޓަލީއަށް ފުރާފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި މިބައްޔަށް ފަރުވާ ކުރަމުން ދަނީ 4 މީހުންނަށެވެ.